ރިޔާސީ ވައުދުގެ ގޮތުގައި ވ.އަތޮޅު ރައްޔިތުންނަށް ހުށަހެޅި ރަށަށް ވ. ހުޅިދޫ ހަމަޖައްސައިދިނުމަށް ވ. އަތޮޅުން އެދިއްޖެއެވެ.
ވ. އަތޮޅު ރައްޔިތުން ދަތުރުދިޔުމަށް ހާއްސަ ރަށެއް ހަމަޖައްސައި އެ ރަށް ތަރައްގީ ދެއްވާނެކަމަށް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވ. ކެޔޮދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވާފައެވެ. މިގޮތުން ރައީސް ވަނީ ރަށުގެ ގޮތުގައި ވ. ހުޅިދޫ ހަމަޖައްސައިދިނުމަށް ފެލިދުއަތޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ރައީސަށް ހުށަހަޅާފައެވެ.
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ސޮއިކުރައްވާ ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ބުނީ، އަތޮޅުގެ ރައްޔިތުންގެ އެންމެބޮޑު އެއް ކަންބޮޑުވުމަކަށް ވެފައިވާ، ދަތުރުދާނެ ހާއްސަ ރަށެއް ނެތުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް، ވ. އަތޮޅު ރައްޔިތުން ދަތުރުދިޔުމަށް ހާއްސަ ރަށެއް ހަމަޖައްސައިދެއްވާނެ ކަން އިއުލާން ކޮށްދެއްވުން ވެގެން ގޮސްފައި ވަނީ މުޅި އަތޮޅަށް ހިނިތުންވުން ގެނެސްދިން ކަމަކަށެވެ.
ވ. އަތޮޅު ކައުންސިލުން ބުނީ، ވ. އަތޮޅު ތަރައްގީގެ ޕްލޭންގެ މަސައްކަތް ކުރުމަށް، ރައްޔިތުންނާ މަޝްވަރާ ކުރުމަށް ކުރެއްވި ދަތުރުތަކުގައި ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި، އަތޮޅުގެ ފަޅު ރަށްތަކާއި، ފަޅުތަކާއި، އަދި މިނޫންވެސް އެންމެހައި ގުދުރަތީ ވާސީލަތްތައް ބޭނުންކުރަމުން އަންނަގޮތާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ޝަކުވާތައް ފާޅުކޮށްފައިވާ ކަމަށެވެ.
އަދި ކަނޑައެޅިފައިވާ އެއްވެސް މިންގަނޑެއް ނެތި ބޭނުން މިންވަރަކަށް ވިޔަފާރިތަކުން ވ. އަތޮޅުގެ ރަށްތައް ބޭނުންކުރަމުން ދާއިރު، މިހާރު މި ވަސީލަތްތަކަކީ އަތޮޅުގެ ރައްޔިތުން އެ ވަސީލަތްތަކުގެ ބޭނުން ހިފުމުން މަހުރޫމުވެ، މަނާކޮށްފައިވާ ތަންތަންކަމާއި، އަދި މިފަދަ ތަންތަން މާދުރު ހިލޭ ބަޔަކަށް ވިއްކާލާ، ނުއަގުގައި ދޫކުކޮށްފައިވާ ކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމާއި މުސްތަގްބަލަށް މިފަދަ ކަންތައްތަކުގެ ސަބަބުން ގެއްލުންވަމުން ދާކަމުގެ ޝަކުވާއާއި ކަންބޮޑުވުންތައް އިންތިހާއަށް ހުރިކަން ވ. އަތޮޅު ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
ހާއްސަކޮށް، އަތޮޅުގައި ދަތުރު ދިޔުމަށް ހާއްސަ ރަށެއް އޮތުން އިންތިހާއަށް މުހިއްމު ވެފައިވާކަން އަތޮޅު ރައްޔިތުން ފާހަގަ ކޮށްފައި ވާކަންވެސް ވ. އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.
ވ. އަތޮޅު ކައުންސިލުން ބުނީ ވ. ހުޅިދޫ އަދި ވ. އަންބަރާ ތަރައްގީކުރުމަށް އެގްރިމެންޓްގައި ބަޔާންކޮށްފައިވާ މުއްދަތަށް އެގްރިމެންޓް ކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އަދި އެގްރިމެންޓާއި ހިލާފުވެ އަދި ރަށްތައް ތަރައްގީކޮށް ހިދުމަތަށް ފުރިހަމަކުރުމަށް އެގްރިމެންޓް ކުރެވުނު މުއްދަތު ހަމަވެފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
މިގޮތުން ދަނޑުވެރިކަން ތަރައްގީިކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ވ. އަތޮޅުން ކުއްޔަށްދީފައިވާ ވ. ހުޅިދޫގައި ދަނޑުވެރިކަމާ ގުޅޭ އެދެވޭ މަސައްކަތެއް ނުކުރާކަމާއި، ރަށުގެ ބޭނުން އެހެން ބޭނުންތަކުގައި ބޭނުންކުރަމުން ގެންދާ ކަމާއި، ރަށުގެ ވެއްޓަށް ގެއްލުން ދެމުން ދާކަމުގެ ކަންބޮޑުވުންތައް އާއްމު ރައްޔިތުންގެ ފަރާތުން ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ވ. އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.
މިކަމުގެ ކަންބޮޑުވުންތައް އެ މިނިސްޓްރީއަށް ހުށަހަޅައި، އެ ގޮތަށް އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ހަލާކުކޮށް ނާޖާއިޒު ބޭނުންތައް ކުރަމުން ދިޔުން ހުއްޓުވުމަށް އަދި އެއްބަސްވުމާއި ހިލާފަށް އަދި އެއްބަސްވެފައިވާ މުއްދަތުގައި ހުށަހަޅުއްވާފައިވާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވާ ކަން ވެސް ވ. އަތޮޅު ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
ވ. އަތޮޅު ކައުންސިލުން ބުނީ ވ. ހުޅިދޫގެ އެއްބަސްވުން ބާތިލްކޮށް އެރަށް ވ. އަތޮޅު ރައްޔިތުންގެ ބޭނުމަށް ލިބޭނޭގޮތް ހަދައިދިނުމަށާއި އަދި ވ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއް ހަމަޖައްވައި ދެއްވާނެކަމަށް، ރައީސް އިއުލާންކޮށްދެއްވާފައިވާ ރަށުގެ ގޮތުގައި ވ. ހުޅިދޫ ހަމަޖައްސައިދެއްވުން ވ. އަތޮޅު ރައްޔިތުންގެ ފަރާތުން އެދޭ ކަމަށެވެ.