ވ. ކެޔޮދޫ މިސްކިތުގެ މައި ދޮރާށީގެ ބިއްލޫރިގަނޑު ތަޅާލައި ގުރުއާން މުސްހަފުތައް ވީދާލި މީހާ ހައްޔަރު ކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، ރޭ 12:53 ހާއިރު ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލަފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިއީ މުސްހަފުތައް ވީދާލި ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކުރަމުން އެ ރަށު ކައުންސިލްގެ ނައިބު، އަހްމަދު ސަނީ އިބްރާހިމް "ދަ ޕްރެސް" އަށް ވިދާޅުވީ، މިދިޔަ އަހަރުވެސް އެ ފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގި ކަމަށާއި ނަމަވެސް ކާކު ކުރި ކަމެއްކަން އޭރު އެނގިފައި ނުވާ ކަމަށެވެ.
އަދި މި އަހަރުވެސް އެ ފަދަ އަމަލެއް ހިންގާ، ފުލުހުން އެ މައްސަލަ އިތުރަށް ބަލަމުން ދަނިކޮށް އަނެއްކާވެސް ރޭގެ ވަގުތެއްގައި މިސްކިތް ކައިރީގައި ދިރިއުޅޭ ޒުވާނަކު ބޭރަށް ނިކުތް ވަގުތު ބާރު އަޑުފަށްގަނޑެއް އިވި އިތުރަށް ބެލި ބެލުމުން ބިއްލޫރިގަނޑު ތަޅާލާފައިވާތައް ފެނިފައި ވާ ކަމަށެވެ. އަދި މިސްކިތުން މީހަކު ނުކުތްތަން އޭނާ އަށް ފެނުމާއެކު ހުއްޓުވާ އިތުރު މީހުންނަށާއި ފުލުހުންނަށް ގުޅާ އޭނާ ފުލުހުންނާ ހަވާލުކުރީ ކަމަށް ސަނީ ވިދާޅުވިއެވެ.
ބިއްލޫރިގަނޑު ތަޅާލާފައި ވަނީ މީހުން ނަމާދު ކުރާ އިރު އިށީންނަން ބަހައްޓާފައި ހުންނަ 'ނަމާދު ގޮނޑި' އަކުން ޖަހާ ކަމަށާއި ތަޅާލި މީހާ އަކީ މީގެ ކުރިން ރަނގަޅަށް އުޅުނު މީހެއް ނަމަވެސް މިހާރު އުޅުމަށް ބަދަލަތުތަކެއް އައިސްފައިވާ މީހެއް ކަމަށް ސަނީ ވިދާޅުވިއެވެ.
އަދި ދީނަށް ނަފްރަތު ކުރާ ކަހަލަ ވާހަކަތަކެއް ވެސް އޭނާ މިހާރު ދައްކަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މި ކަން ތަކުރާރު ވަމުން ދާތީ ރައްޔިތުންވެސް ތިބީ ނުތަނަވަސް ކަމެއްގައި ކަން ފާހަގަކޮށް ސަނީ ވިދާޅުވީ އޭނާ އަށް ރައްޔިތުން ހަމަލާ ދޭންވެސް މަސައްކަތް ކުރި ކަމަަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ އިތުރުން މިދިޔަ އަހަރުވެސް އެ މިސްކިތުގައި ހުރި މުސްހަފުތަކަށް ވަނީ ގެއްލުންދީފައެވެ.