މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު 31 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ވަނީ 251 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 173 މިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސްއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލޭންޑްއަށެވެ. އެއީ އެކްސްޕޯޓްކުރި މުދަލުގެ 38 ޕަސެންޓް (67 މިލިއަން ރުފިޔާ)ގެ މުދަލެވެ. އަދި ދެން އެންމެ ގިނަ މުދާ އެކްސްޓްކޮށްފައި ވަނީ ޖާމަނީ، ޔުނައިޓެޑް ކިންގްޑޮމް، ބަންގްލަދޭޝް އަދި އިންޑިއާ އަށެވެ.

ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު 31 ޕަސެންޓް އިތުރުވެފައިވާއިރު މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 5.1 ބިލިއަން ރުފިޔާގެ މުދަލެވެ. އެއާހިލާފަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ވަނީ 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިންނެވެ. އެއީ 938 މިލިއަން ރުފިޔާގެ މުދަލެވެ. ދެން އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައި ވަނީ އޮމާން، އިންޑިއާ، ޗައިނާ އަދި ސިންގަޕޯއިންނެވެ.