ކުރު ފިލްމު "ހަދީޖާ" އަންނަ މަހު އޮލިމްޕަސް ސިނަމާގައި އަޅުވަން ނިންމައިފިއެވެ.

މަޝްހޫރު ފިލްމީ ތަރި އަހުމަދު އާސިމްގެ ތުރުކަސް ފިލްމްސް އިން "ވިހާލި" ގެ ނަމުގައި ގެނެސްދެމުން ގޮސް ސީރީޒްގެ ދެވަނަ ސީޒަންގެ ފުރަތަމަ ސެގްމަންޓަކަށް މި ފިލްމު ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އެކްޓަރު އާސިމް ލިޔެ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ އަހުމަދު ނިމާލު، ރަވީ ފާރޫގް، ނަތާޝާ ޖަލީލްއެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމު ދައްކަން ހަމަޖެހިފައިވަނީ އެންމެ ތިން ދުވަހުއެވެ. އެއީ 1 އިން 3 ގެ ނިޔަލަށެވެ. ނަމަވެސް އެ ދޭތެރޭ ކޮންމެ ދުވަހަކުވެސް ފިލްމުގެ ތިން ޝޯ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ފިލްމަށް ޓިކެޓް ބުކް ކުރަން މިހާރު ހުޅުވާލާފައި ވާއިރު އޮލިމްޕަހުން ފިލްމުގެ ޓިކެޓް ގަންނަން ލިބޭނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ. "ވިހާލި" ސީރީޒްގެ ފުރަތަމަ ސީޒަންގެ ސެގްމަންޓްތަކުގެ ތެރޭގައި "ރަށްމެދު"، "ބާބާ"، "ފިރިމަރު" އަދި "ލިފްޓް ގޮޅި" ހިމެނެ އެވެ.

އޮލިމްޕަހުގައި މިވަަގުތު އަޅުވާފައި އޮތީ އައިފިލްމްސް ގެ "ކަންބަޅި" އެވެ. އަންނަ މަހު ހަތަރު ވަނަ ދުވަހު ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ފުރޭތަ" އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ވަނީ ނިންމާފައެވެ.