ރާޅާއަޅާ ކަނދު އުފުލަން މޯލްޑިވިއަނުން ނަގާ ފީ ރައީސް ޑރ. މުއިއްޒު ވިދާޅުވި ފަދައިން ކުޑަކޮށްދީފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ގދ. ގައްދޫ، ފެހިވިނަ، އަހްމަދު ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރާޅާއެޅުމަށް ފަތުރުވެރީން ބޭނުންކުރާ ކަނދު، މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން އުފުލުމަށް ނަގާ ފީ ބޮޑުކަން ފާހަގަކޮށް އަހްމަދު ރަޝީދު ބުނީ ދެކޮޅި ޓިކެޓު އަދި އެ ފީ އާއެކު ފަތުރުވެރިއެއްގެ އަތުން 800 އެއްހާ ޑޮލަރު ހޭދަވެގެންދާ ކަަމަށެވެ. އަދި އެކަމަށް އެއްވެސް ހައްލެއް ހޯދާދޭނެތޯ އޭނާ ރައީސްގެ އަރިހުން ސުވާލު ކުރައްވާފައި ވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސާފިންގެ ދާއިރާގައި އުޅޭ ފަރާތްތަކަށް އެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެގޮތުން ގައްދޫއަކީވެސް ސާފިންގެ ރޮނގުން ފާހަގަކޮށްލެވޭ ރަށެއް ކަމަށެވެ. އެހެންކަމުން އަހްމަދު ރަޝީދު އެދިލެއްވި ގޮތުގެ މަތިން ކަމާ ގުޅުން ހުރި އިދާރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު އަގުތަކަށް ރަނގަޅު ބަދަލެއް ގެނެސްދެއްވާނެކަމަށެވެ.

އޭގެ ހަތަރު ދުވަސް ފަހުން އެ އެއާލައިނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސާފް ބޯޑު ގެނައުމަށް ނަގާ ޗާޖު 33 ޕަސެންޓާއި 66 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށެވެ. އަދި ބޯމިނުގައި 6 އިންޗާއި 10 އިންޗާއި ދެމެދު ހުންނަ ސާފް ބޯޑުތަކުން ނަގާ ޗާޖު 33 ޕަސެންޓަށް ކުޑަކޮށްފައިވާކަމަށާއި 5 އިންޗާއި ހަމައަށް ބޯމިން ހުންނަ ސާފް ބޯޑުތަކުގެ ޗާޖު 66 ޕަސެންޓު ކުޑަ ކޮށްފައިވާ ކަމަށެވެ.