އިގްތިސާދު ކުރިއަރާ މިންވަރަކުން ހުރިހާ ދާއިރާއެއްގެވެސް މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ފުވައްމުލައް ސިޓީ، ނިއުވެލީ، އަލީ ޝަފީއު ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑު ކުރުމުން އެހެން ދާއިރާތަކުގެ މުސާރަ ބޮޑު ކޮށްދެއްވާނީ ކޮންއިރަކުތޯ ސުވާލުކުރުމުންނެވެ.

ރައީސް މި ސުވާލަށް ޖަވާބު ދެއްވުމުގެ ކުރިން ވިދާޅުވީ ރަމަޟާންމަހުގެ ފަހު 10ގެ ހެޔޮ ދުއާ ދިވެހި ހުރިހާ ރައްޔިތުންނަށް ދަންނަވާ ކަމަށާއި ފަހު 10 ބަންދުކުރެއްވީ ރޭއަޅުކަމާއި ހެޔޮ އަމަލުތަކަށް ފުރުސަތު ދެއްވުމަށްކަމަށެވެ.

ރައީސް ވިދާޅުވީ މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް އިސްކަން ދެއްވާފައިވާނެކަމަށާއި، މި ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، އަޅުކަން ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ހާއްސަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމި މިއީ ފުރަތަމަ ފަހަރެވެ. މި ދުވަސްވަރު ކޮންމެހެން ވަޒީފާ އަދާ ކުރަން ޖެހޭ ފަރާތްތަކަށް ރައީސް ވަނީ ހާއްސަ އިނާޔަތެއް ދެއްވުމަށް ނިންމަވާފައެވެ.