އާންމު ފަރުދުންގެ އިންޝިއުރަންސް ހިދުމަތް މިހާރަށްވުރެ ރަނގަޅު ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ގދ.ގައްދޫ ގުލްޒާރުވާދީ، ހުސައިން ތައުފީގް ރައީސް އާ ކުރެއްވީ އާންމު ފަރުދުންގެ އިންޝިއުރެންސްގެ ނިޒާމާ ގުޅޭ ގޮތުންނެވެ.

އެގޮތުން އިންޝިއުރޭންސް ހެއްދުމަށް 11،000 އަށް ވުރެ ބޮޑު އެއްޗެއް އަމިއްލަ ޖީބުން ހަރަދު ކުރި ނަމަވެސް ޑޮކްޓަރަށް ދެއްކަން ޖެހެނީ އަތުން ރުފިޔާ ހަރަދު ކޮށްގެން ކަމަށް ބުނެ ހުސެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. " އަމިއްލައަށް ޕޭ ކޮށްފަ ބިލްތައް މިޖެހެނީ ހުށަހަޅަން. ބިލްތައް ހުށަހަޅާތާ 14 ދުވަސް ފަހުން މި އިނގެނީ އިންޝިއުރެންސްއިން އޭތި އަޅުގަނޑުމެންނަށް ޕޭ ކުރާނެތޯ ނުވަތަ ނުކުރާނެތޯ" ހުސެއިން ތައުފީގް ބުންޏެވެ.

އަދި އެކަމަށް ހައްލެއް ނުވަތަ އިންޝިއުރެންސް ކުންފުނިން ސީދާ ޕޭ ކުރާނެ އިންތިޒާމެއް ހަމަޖައްސާދިނުމަށް ހުސެއިން ތައުފީގް ވަނީ ރައީސްގެ އަރިހުން އެދިލައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އިންޝިއުރެންސްގެ ނިޒާމަކީ ވަކި އުސޫލެއްގެ ދަށުން ވަކި ގޮތަކަށް ބައްޓަން ކޮށްފައިވާ ނިޒާމެއް ކަމަށެވެ. އެހެންކަމުން ހުސެއިން ތައުފީގް ގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކާ ހިއްސާކޮށް އާންމު ފަރުދުންގެ އިންޝިއުރެންސް މިހާރު އޮންނަ އުސޫލަށްވުރެ ރަނގަޅު ގޮތަކަށް އެކަން ހަމަޖައްސާ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.