ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް އެރީނާތައް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭ ފައްޓަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ނ.މާޅެންދޫ، ލައިފްހާޓް، މުހައްމަދު ނިޝާމް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޕޯޓްސް އެރީނާތައް ގާއިމުކުރެއްވުމަށް ރައީސް ވެވަޑައިގެންނެވި ވައުދާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ކުޅިވަރުގެ ދާއިރާއަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށާއި، ކުޅިވަރައް ހާއްސަ ވުޒާރާއެއް އުފެއްދެވުމުގެ ބޭނުމަކީވެސް އެއީ ކަމަށެވެ. މީގެއިތުރުން ކުޅިވަރު ކުޅޭ އެކިއެކި ފަރާތްތަކަށް ފަރުވާގެ ގޮތުންނާއި، ތަމްރީނުގެ ގޮތުންވެސް ތަފާތު ވަސީލަތްތައް ގާއިމުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކި ރަށްރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ މަރުހަލާގެ މަސައްކަތަތްތައް މިހާރުވެސް ކުރިއަށް ދާކަމަށާއި ބައެއް ރަށްރަށުގައި އަމަލީ ގޮތުންވެސް މަސައްކަތްތައް ފެށިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އަންހެން ބޭފުޅުންނަށް ހާއްސަ ހޭންޑް ބޯލް ކޯޓުތަކާއި އެ ނޫންވެސް އެކި ކަހަލަ ކުޅިވަރުތައް ކުޅުމަށް ބޭނުންވާ ކޯޓުތައް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭ ކުރައްވާނެ ކަމަށެވެ.