ވަޒީފާއިން ވަކިވުމާއެކު ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭ
ނެ ފަދަ އިސްލާހެއް ޕެންޝަން ގާނޫނަށް ގެނައުމަށް މަޖިލީސް ތެރެއިން ބައްލަވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްއާ ސުވާލު ކުރެއްވުމަށް ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ރައީސް ޖަވާބުގެ ޕްރޮގުރާމުގެ ތެރެއިން ހުޅުމާލެ ފްލެޓް H-16-16-05، ފާތިމަތު ހަސަން މަނިކު ވަނީ ވަޒިފާއިން ވަކިވުމަށްފަހު ދަތި ހާލުގައި އުޅެން ޖެހުނު ނަމަވެސް ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ ނުނެގޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި ވަޒީފާއިން ވަކިވުމާއެކު ޕެންޝަން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ފާތިމަތު ވަނީ ރައީސްގެ އަރިހުން ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޕެންޝަނަކީ ވަކި ގާނޫނެއްގެ ދަށުން ނަގަމުންދާ އެއްޗެއް ކަމަށާއި އެއަށް ބަދަލު ގެނެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ވިދާޅުވެފައެވެ.
އަދި އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަމަށާއި ޕެންޝަނުގެ ފައިސާ ކޮންމެވެސް ގޮތަކަށް ލިބިގެންދިޔުމަކީ އެމަނިކުފާނުވެސް ބޭނުންފުޅުވާ ގޮތް ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުން ޕެންޝަން ފަންޑު ވަރުގަދަ ކުރަންވެސް. އޭގެއިން ރަނގަޅުގޮތުގަ ފައިދާވާގޮތްވެސް ހަދަން. އެއަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން." ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ ރައީސް ދެންނެވީ އެ ފުރުސަތު މަޖިލީހުގެ ތެރެއިން ލިބުމަކީ އެކަން ކުރެވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި އެ ކަމަށް ހައްލެއް ގެނައުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.