މާލެ ސަރަހައްދުން ކުނި އުކާލާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުޑަ ކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ މާޗު 1، އިން ފެށިގެން އާންމު ފަރާތްތަކުން ކުނި ގެންނަ އުޅަނދުތަކުން ޓަނަކަށް ނަގަމުން އައި 1،060 ރުފިޔާގެ ފީ ޓަނަކަށް 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ހަމައެހެންމެ މާލެ ސިޓީން ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއް ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ފީއެއް ނަގަމުންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

އަދި އެފަދަ ފަރާތްތަކުން ގެންނަ ކުންޏަށް ޗާޖް ކުރާނީ ބަރުދަނަށް ބަލާފައި ކަމަށް ވެމްކޯއިން ބުންޏެވެ. އެގޮތުން އަގަށް ގެެނެވުނު ބަދަލާއި އެކު ފެސިލިޓީތަކަށް ކުނި ގެންދާ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެންދިއުމުން ޗާޖު ކުރާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2660 ރުފިޔާ ކަމަށް ވެމްކޯއިން ބުންޏެވެ.

އަދި ވެއި ބްރިޖް ގާއިމު ވެފައި ނުވާ ފެސިލިޓީތަކުން އާންމުނަށް ޗާޖް ކުރާނީ އުޅަނދުގެ ރަޖިސްޓާޑް ޓަނަކަށް 750 ރުފިޔާކަމަށް އެ ކުންފުނީގެ އިއުލާނުގައި ބުނެފައި ވެއެވެ.