މިއަދުގެ ރީތި ތާރީހް (24-2-24)ގައި 23 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ކައިވެންޏަކަށް ތައްޔާރުވާއިރު ގިނަ ބަޔަކު ރީތި ތާރީހެއްގައި ކައިވެނިކުރަން ބަލައެވެ. އެ ތާރީހަކަށް ދުރާލާ ތައްޔާރުވަމުން ދެއެވެ. އެގޮތުން ބަލާއިރު މިދިޔަ އަހަރުގެ ރީތި އެއް ތާރީހް ކަމަށްވާ 23-6-23 ގައި މާލޭގައި އެކަނި ވެސް 43 ކައިވެންޏެއް ވަނީ ކޮށްފައެވެ.

ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކޯޓުން ވަނީ 2،425 ކައިވެނި ކޮށްދީފައެވެ. އަދި ރާއްޖެއިން ބޭރުގައި ކޮށްފައިވާ 163 ކައިވެންޏެއް މިދިޔަ އަހަރުގެ ތެރޭގައި އެ ކޯޓުގައި ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ.

ފެމިލީ ކޯޓުން މިދިޔަ އަހަރު ވަނީ ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްއެއް ވެސް ހިންގާފައެވެ. އެ ޕްރޮގްރާމްގައި 3،276 މީހުން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 1،664 ފިރިހެނަކާއި 1،612 އަންހެނެއް ކަމަށް ފެމެލީ ކޯޓުން ބުނެއެވެ.

މީގެއިތުރުން ޖަލުތަކުގައި ބަންދުގައި ތިބޭ މީހުންނަށް ކައިވެނި ކުރުމަށް ހުށަހެޅޭނެ ގަވާއިދެއް (ހުކުމް ތަންފީޒުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދު) އެކުލަވާލުމާއެކު ކުރިން އޮތް ގޮތާ ހިލާފަށް ގައިދީން އަމިއްލައަށް ކައިވެންޏަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ލިބިދީފައެވެ. އެ ގަވާއިދުގައިވާ ގޮތުން ޖަލުގައި ހަ މަސް ދުވަސް ހޭދަވެފައިވާ ގައިދީންނަށް އެ މީހަކު އަމިއްލައަށް ކައިވެނިކުރަން ފޯމް ހުށަހެޅޭނެއެވެ.

ކައިވެނި ކުރަނީ ޖަލުގައި ބަންދުކޮށްފައިވާ ދެ މީހުން ކަމުގައިވާ ނަމަ އެ ދެ މީހުންނަށް ކައިވެނިކުރުމުގެ ފުރުސަތު ދެވޭނީ އޭގެ ތެރެއިން އެކަކު ޖަލުން މިނިވަންވުމުން ކަމަށާއި ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ކަރެކްޝަންސްއަށް ސިޓީއެއް ހުށަހަޅަންވާނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފައެވެ. އަދި އެ ސިޓީއާއެކު ވަލީވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުމުގެ ޒިންމާ އުފުލަންވާނީ ކައިވެނިކުރާ އަންހެންމީހާ ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.