މި ފެށޭ މާޗް މަހުން ފެށިގެން ފުލުހުންނަށާއި ސިފައިންނަށް މުސާރަ ބޮޑުވާނެކަން ރައީސް ވެސް ހާމަ ކުރައްވައިފިއެވެ.

ފުލުހުންނާއި ސިފައިންނަށް މުސާރަ ބޮޑުނުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ތަޅުމުގައި އެވާހަކަ ދައްކަވަމުން ގެންދަވާ އިރު، މާޗްގައި މުސާރަ ބޮޑުވާނެކަން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މީގެ ކުރިން ވިދާޅުވެފައި ވެސް ވެއެވެ.

މިރޭ ސަލްޓަންޕާކުގައި ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ފޯރަމްގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މުސާރަ ބޮޑުވާގޮތަށް އޮތީ މާޗްގައި ކަމަށާއި އެކަން ފެށޭ މާޗް މަހުން ފެށިގެން ވާނެ ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުނުކޮށްގެން އެކަމުގެ ކަންބޮޑުވުން އެކިއެކި ފަރާތްތަކުން ކުރަމުން ގެންދާ އިރު މުސާރައާ ގުޅިގެން ނިމިދިޔަ ޖެނުއަރީ މަހުގެ ކުރީ ކޮޅު ޗީފް ސްޕްރިންޓެންޑެންޓް ޝިފާން ވިދާޅުވެފައި ވަނީ، މާޗް 1 އިން ފެށިގެން މުސާރަ ބޮޑުވާނެކަން ފިނޭންސް މިނިސްޓްރީން އަންގާފައި ވާ ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ބޮޑު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ ވައުދުފުޅެކެވެ. އަދި އެކަން އެގޮތަށް ކުރައްވާނީ ފަސް އަހަރަށް ބަހާލައިގެން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެގޮތުން 2024 ގައި 35 އިންސައްތަ މުސާރަ ބޮޑުކުރާއިރު 2026 ގައި 35 އިންސައްތަ ބޮޑު ކުރުމުގެ އިތުރުން 2028 ގައި ބާކީ 30 އިންސައްތަ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް ފޮނުވާފައި ކަމަށް ބުނެފައި ވަނީ ނިމިދިޔަ ރައީސް ސޯލިހުގެ ސަރުކާރުންނެވެ.

ފުލުހުންނާއި ސިފައިންނަށް މުސާރަ ބޮޑު ކުރާ އިރު، އެ ދެ މުއައްސަސާއަށް މެޑިކަން އެލަވަންސާއި އެ ދެމުއައްސަސާއަށް އަމާޒުކޮށް ހަދަމުން ދާ ފްލެޓްތަކުގެ ކުލި ދެއްކުން ވެސް ވަނީ 1 އަހަރު ދުވަހަށް ފަސް ކޮށްދީފައެވެ.

މިދިޔަ ޑިސެމްބަރު މެދުތެރޭގައި، ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ފޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ފްލެޓުތަކުގެ މަޝްރޫއަށް ދޫކޮށްފައިވާ ޓްރެޒަރީ ލޯނު އަނބުރާ ދެއްކުން އިންޓަރަސްޓް ނުހިނގާ ގޮތަށް 1 އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަސްކޮށް ރީސްޓްރަކްޗާކުރުމަށް ރައީސް ނިންމަވައިފިވާ ކަމަށެވެ.

އެ ނިންމެވުން މާލީ ވުޒާރާއަށް އަންގަވާފައިވާ ކަމަށްވެސް ފިޒުޒުލް ވަނީ ވިދާޅުވެފައެވެ. އަދި އެހެންކަމުން ރައީސް މުއިއްޒުގެ އެ ވައުދުފުޅު ވެސް ހާސިލްވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެ ވައުދާ އެއްގޮތަށް އެ ޓްރެޒަރީ ލޯނު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ކުރައްވަމުން ގެންދަވާނެ ކަމަށާއި ކުރިއަށް އޮތް އެއް އަހަރު އެ ފްލެޓްތައް ލިބުނު ފަރާތްތަކުން އިންޓްރަސްޓް ނުހިނގާ ގޮތަށް ކުލި ދެއްކުން ފަސްކުރެވިފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް ދައްކަން ޖެހޭ އަގުގެ ލުއެއް ދިނުމުގެ ގޮތުން އެއް އަހަރު ދުވަހަށް ފަސްކޮށްދެއްވާނެ ކަމަށެވެ. އަދި ދައްކަން ޖެހޭ އަގު ބަހާލައިގެން ދެއްކޭނެ ފަދަ ލުއިގޮތެއް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.