އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ މެނޭޖްމަންޓް އެންޑް ރިސޯސަސް، ރިޗާޑު ވަރުމާ އާއި ހާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލު ކުރައްވާ، އެކި ދާއިރާތަކުން މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ވެގެންދާނެކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން ޑިމޮކްރެޓިކް އުސޫލުތަކާއެކު ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، އިގުތިސޯދީ ތަނަވަސްކަމާއި، ދިފާއީ އަދި ސަލާމަތީ ދާއިރާއިން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ހަމައެހެންމެ ވިސާގެ ކަންކަން ހަރުދަނާކުރުމާއި، މިނިމަމް ހުރަސްތަކާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުންވެސް މިނިސްޓަރު ޒަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާގެ ހުވާ ކުރެއްވިފަހުން ރާއްޖެއާ ގުޅުން ބަދަހި ކުރުމަށް އެމެރިކާ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

އެމެރިކާގެ ސްޓޭޑް ޑިޕާޓްމަންޓުން އާންމު ކޮށްފައިވާ ގޮތުގައި ރިޗާޑްގެ މި ދަތުރަކީ އިންޑޯ ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި އެމެރިކާއިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ރާއްޖެ، އިންޑިއާ އަދި ލަންކާއަށް ކުރައްވާ ދަތުރެކެވެ.

އެމެރިކާއިން ރާއްޖޭގައި އެމްބަސީ ގާއިމު ކުރެވުމުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއެކު ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން އިތުރަށް ކައިރި ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް ސްޓޭޑް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމެރިކާއާއެކު ގާތް ގުޅުމެއް ބާއްވަމުން ދާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ދާދިފަހުން ވަނީ އެމެރިކާ ސަރުކާރާއި ދިފާއީ ބާރުގެ އިސް ވެރިން ރާއްޖެއަށް ޒިޔާރަތް ކުރައްވާ އެކި އެކި މަޝްވަރާތައް ކުރައްވާފައެވެ.