ބޭނުން ނުކޮށް ގިނަ ދުވަސް ވަންދެއް މާލެ އަދި ހުޅުމާލެ މަގުމަތީ ބަހައްޓާފައި ހުރި 56 އުޅަނދު ޓްރާންސްޕޯޓް މިނިސްޓްރީއިން ނައްތާލައިފިއެވެ.
އެއްގަމުގައި ދުއްވާ އުޅަނދު މާލެ ސަރަހައްދުގައި ގިނަވެ، މަގުމަތި ތޮއްޖެހުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު މަސައްކަތްތަކެއް ފަށާފައެވެ.
އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްނެގުމުގެ މަތިން މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ދެނެގަނެ، މިދިޔަ ހޮނިހިރު ދުވަހު ހަތަރު ފުރޮޅު ލީ 56 އުޅަނދު ނައްތާލާފައިވާ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އެ މުހިންމު މަސައްކަތުގެ މަގްސަދަކީ އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތަކާ ގުޅިގެން މީހުންގެ ފުރާނަ ގެއްލިގެންދާ ރޭޓް ދަށްކޮށް އަދި ނުރައްކާތެރިކަމަށް ހުށަހެޅިގެންދާ ފަރާތްތައް މަދުކޮށް މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރުކޮށްދިނުމާއެކު ދުޅަހެޔޮ ވެއްޓެއް ގާއިމުކޮށްދިނުން ކަމަށެވެ.
ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހަތަރު މަސައްކަތް:
- މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދެއްގެ ގޮތުގައި ނުބެލެވޭ ކުނީގެ ގޮތުގައި ހުރި އުޅަނދުތަކުގެ ބައިތައް މަގުތަކުން ނެގުން.
- ވޮލަންޓިއާކޮށް އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދިނުން.
- މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ މި އުޅަނދުތައް އެއްގައމު ދަތުރުފަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ޓޯކޮށް ނައްތާލުން.
- ރަޖިސްޓަރީނުކޮށް މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތައް މަގުމަތިން ނެގުން
އެ ޕްރޮގްރާމްކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްނެގުމާއެކު ފުލުހުން، މާލެ ސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ހައުސިން މިނިސްޓްރީގެ އިތުރުން ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ.