ގދ. ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ހެދުމަށް ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީއާއެކު ސޮއި ކުރީ އެމްއޯޔޫއެއްގައި ކަމަށާއި ކޮންޓްރެކްޓްގައި ސޮއިކުރާނީ ކުންފުނީގެ މާލީ ގާބިލުކަން ކަށަވަރުކުރުމަށްފަހު ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ (އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ) އިން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ ތިނަދޫގައި ގާއިމް ކުރުމަށް ނިންމާފައިވާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ހަގީގަތެއް ނެތް ރައްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެއް ކަމަށާއި އަދި އެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަވާލު ކުރި ކުންފުންޏަކީވެސް އެފަދަ ބޮޑު މަޝްރޫއެއް ހިންގުމުގެ ގާބިލްކަން ނެތް ކުންފުންޏެއް ކަމަށް ބުނެ އެކި މަންސަ ތަކުގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

މިފަދައިން ރިޕޯޓުކޮށްފައިވާ ބައެއް މަންސަތަކުން ބުނެފައިވާ ގޮތުން ތައިލެންޑްގެ ޕޭން ޕެސިފިކް އަކީ އަންނައުނު ހޯލްސޭލް ކުރުމުގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށާއި އަދި އެ ކުންފުނީގެ ސީއީއޯގެ ގޮތުގައި ކަމަށް ބުނެ އެރޭ ސޮއި ކުރީ ރަސްމީ އެއްވެސް މަސްދަރަކުން "ޕޭން ޕެސިފިކް ކޮމްޕެނީ" ގެ ނަމުގައި ކުންފުންޏެއްގެ ވެރިޔަކަށް ހުރި ކަމަށް ނުދައްކާ މީހެއް ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު މީޑިއާތަކާ ހިއްސާ ކުރި މައުލޫމާތުގައި ބުނެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަށް ޕޭން ޕެސިފިކް ކޮމްޕެނީއާއެކު ސޮއި ކުރި ފަހުމުނާމާއަކީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމަށް އިކޮނޮމިކް ކައުންސިލް އިން ފާސްކޮށްގެން ސޮއި ކޮށްފައިވާ ފަހުމުނާމާއެއް ކަމަށެވެ.

އަދި ހަމައެހެންމެ މި މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއި ކުރެވޭނީ ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރުކުރުމަށްފަހު ބަަލަންޖެހޭ އެންމެހާ ކަންތައްތައް ބަލާ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ހަމައެހެންމެ މި މަޝްރޫއުގައި ހިމެނުމުމަށް އެ ކުންފުނިން ހުށަހަޅާފައި ވަނީ 4 ކިލޯމީޓަރުގެ ރަންވޭ އަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފަސިންޖާ ޓާމިނަލް އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެހާ ވަސީލަތްތައް ގާއިމް ކުރުމަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މީގެ އިތުރުންވެސް މަތީ ފަންތީގެ ރިސޯޓާއި ޔޮޓް މެރީނާއަކާ އަދި ފްލައިން ސްކޫލެއް ތަރައްގީ ކުރުމަށް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް ފަހުމުނާމާގައި ސޮއި ކުރި ދުވަހު ސަރުކާރުން ބުނެފައި ވަނީ ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފި ކަމަށެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ވެސް ޝާއިއުކޮށްފައި ވަނީ މިފަދައިންނެވެ.