ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތައް ގާނޫނުގައި ބުނާ ގޮތަށް 30 ދުވަހުގެ ތެރޭގައި ނިންމަވައި ދިނުމަށް އެދި ކޯޓަށް ސިޓީ ފޮނުވަން ފަށައިފިއެވެ.
ޕީޖީއިން ބުނީ އެ ގާނޫނަކީ މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި މީސްމީހުންނަށް ބިރުދައްކައި އިންޒާރުދީ ހެދުމާއި މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ގާނޫނެއް ކަމަށެވެ.
އެ ބާވަތުގެ މައްސަލަތަކުގެ ނުރައްކާތެރިކަމުންނާއި އެ މައްސަލަތައް ތަހުގީގުކޮށް ދައުވާކޮށް ޝަރީއަތްކުރުމުގައި ހުންނާނެ ގޮންޖެހުންތަކަށާއި އެ މައްސަލަތައް އަވަހަށް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ރިއާޔަތްކޮށް އެ ގާނޫނު ފާސްކޮށް، ރައްޔިތުންގެ މަޖިލީހުން ތަފާތު އުސޫލުތަކެއް ކަނޑައަޅުއްވާފައިވާއިރު އޭގެ ތެރޭގައި އެބާވަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ހަނުހުރުމުގެ ހައްގު ވަނީ ހަނިކޮށްފައެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުން ތަހުގީގް މަރްހަލާގައި ބަންދުގައި ބަހައްޓައި ގާނޫނީ ވަކީލާއެކު ދައްކާ ވާހަކަވެސް 96 ގަޑިއިރުގެ މުއްދަތަށް ހިންގަންވާނީ ފުލުހުންގެ ހާޒިރުގައިކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.
ޕީޖީއިން ބުނީ އެ ގާނޫނުގައި ދައުވާކުރުމާއި މައްސަލަ ނިންމުމުގެ މުއްދަތުގައި އެ ބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިނަމަ 15 ދުވަހުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީއިން ހުށަހަޅަން ފުލުހުންނަށް ލާޒިމުވާ ކަމަށާއި އެ މުއްދަތު މާކުރުކަމަށް ފުލުހުންނަށް ފެނިއްޖެނަމަ ތަހްގީގް ކުރުމުގެ މުއްދަތު އިތުރުކުރުމަށް ސަބަބާއެކު ހުށަހަޅަންޖެހެނީ ޕީޖީއަށް ކަމަށެވެ.
މައްސަލައެއް ތަހްގީގް ނިމިގެން ޕީޖީގެ އޮފީހަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމަންވެސް ގާނޫނު ލާޒިމުކުރެވޭ ކަމަށާއި އެ އޮފީހުން ހަމަ ކޮންމެ މައްސަލައެއްގައިވެސް އެ މުއްދަތުގެ ތެރޭގައި ދަނީ ނިންމަމުން ކަމަށް ޕީޖީއިން ވަނީ ބުނެފައެވެ. އަދި އެއްވެސް މައްސަލައެއް މުއްދަތުން ނައްޓައިގެން ގޮސްފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޕީޖީއިން ބުނީ އެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހަޅާ ތާރީހުން ފެށީގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންވާނެކަމަށް ލިޔެފައި އޮންނަ ކަމަށެވެ. އެހެންކަމުން މި އަހަރުން ފެށިގެން އެ އޮފީހުން ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ހާނޫނުގެ ދަށުން ދައުވާކުރާ ހަމަ ކޮންމެ މައްސަލައެއްގައި އެ މައްސަލައެއްގައި ހުކުމެއް ކުރަން ގާނޫނުގައި ކަނޑައެޅިފައިވަނީ 30 ދުވަހުގެ މުއްދަތެއްކަން ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށައިފައިވާ ކަމަށް ޕީޖީއިން ވަނީ ބުނެފައެވެ.
ޕީޖީއިން ބުނީ މައްސަލަ ލަސްވެގެން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް އެ މުއާމަލާތުތައް ފެންނަން ހުންނާނެ ކަމަށާއި އޭގެ ބޭނުމަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޭ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުން ކަމަށެވެ.