ގދ. މަޑަވެލި ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް އެ ރަށުގެ ބިން ހިއްކާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ދެކުނުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ގދ. މަޑަވެލިއަށް ވަޑައިން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ގެދޮރުވެރިކަން ހާސިލް ކުރުމަށް އެ ރަށު ރައްޔިތުންނަށް ބިން ހިއްކާދެއްވާނެ ކަމަށެވެ.

މަޑަވެލީގައި 2004 ވަނަ އަހަރުން ފެށިގެން ގޯތި ދީފައި ނުވާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ މިވަގުތުވެސް އެ ރަށުގައި 300 އެއްހާ އާއިލާ ގެދޮރު ނެތި އެބަތިބި ކަމަށެވެ. އަދި ބިން ހިއްކުމަކީ އަސާސީ އަދި ޒަރޫރީ ކަމެއް ކަމަށާއި ބިން އިތުރުކޮށް ގެދޮރުވެރިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާ ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވަރަށް ބޮޑު ވައުދެއްކަމަށާއި އެކަމުގައި އެއްވެސް ރަށެއް އިސްތިސްނާ ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"2006 ވަނަ އަހަރު ނުވަތަ 2004 ވަނަ އަަހަރުން ފެށިގެން ގޯއްޗެއް ނުދެވޭ. ވަރަށް މަދު އަދަދެއްގެ ހައުސިންގް ޔުނިޓްތަކެއް އެޅިފައި ހުރެދާނެ. ނަމަވެސް އެއީ މި މައްސައަަލައަށް ބަލާއިރު، 300 އެތައް އާއިލާއެއް ގެދޮރު ނެތިފައި ތިބޭއިރު އެއީ ހައްލަކާ ގާތްވެސް ކުރާ ކަމެއް ނޫން." ރައީސް ވިދާޅުވިއެވެ. އެކަން ހާސިލް ކުރެއްވުމަށް ބޮޑު މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށާއި އެގޮތުން އިގްތިސޯދު ރަނގަޅު ކުރުމަށް މި ފަށައިގަނެވުނު މަސައްކަތަކީ އެކަން ހާސިލް ކުރުމަށް ފެށްޓެވި މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މަޑަވެލި ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

މަޑަވެލީގައި ދެން ފާހަގަ ކުރެވޭ އެންމެ މުހިންމު އަދި އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ބަނދަރުގެ މަސައްކަތެވެ. މަސްވެރިކަމުގެ ރޮނގުން މަޑަވެލިއަކީ ފާހަގަ ކޮށްލެވޭ ރަށެއް ކަމަށާއި އެހެންކަމުން އެ ރަށު ރައްޔިތުންނަށް ބޮޑު ބަނދަރެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުން އެދޭ ފެންވަރުގެ ރަނގަޅު އަދި ބޮޑު ބަނދަރެއް އެ ރަށުގައި ހަދާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެ މަގު ފަހިކޮށްދެއްވާނެ ކަމަށާއި އެއަށްވުރެ އަވަހަށް އެކަން ކުރެއްވޭނެ މަގެއް ފަހިވެއްޖެނަމަ އެ އޮންނަ އުސޫލުގެ ތެރެއިން މަސައްކަތް ފަށްޓަވާދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ އެރަށު ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކޮށްދެއްވާ ލެބޯޓްރީގެ ހިދުމަތް ރައްޔިތުން ބޭނުންވާނެ ގޮތަށް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހެލްތް ސެންޓަރުގެ ލެވަލް މިހާރަށްވުރެ މަތިކޮށްދީ އަދި ސްކޫލްގެ ޖާގަ އިތުރުކޮށްދީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުން ނޫނީ މިއަހަރު ތެރޭގައިވެސް މަގު ފަހި ކުރެވޭނަމަ އެންމެ އިސްކަންދޭނެ ރަށެއްގެ ގޮތުގައި މި ރަށް ހިމަނާނަން އޭގެ ތެރޭގައި މަލްޓިޕާޕޯސް ހޯލެއްވެސް ހިމެނިގެންދާނެ"
ރައީސް ޑރ. މުހައްމަދު މުއިއްޒު

އަދި އެ ރަށުގައި ހުންނަނީ އެންމެ މިސްކިތެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގައި އިތުރު މިސްކިތެއް ބިނާ ކޮށްދެއްވާނެ ކަމަށެވެ. އަދި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ މަޑަވެލިއަކީ މަސްވެރިން ގިނަ ރަށަކަށްވުމުން އޭޓީއެމް ފަދަ މުހިންމު ހިދުމަތްތައް ފުޅާ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ އަނގަބަހުން ބުނެލާ ވާހަކައެއް ނޫން ކަމަށާއި އަމަލުން އެކަން ކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އެ ރަށު ރައްޔިތުންނަށް ދެއްވާފައެވެ.