މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ޓޭކް އޮފް 2024" ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.

ކްރޮސްރޯޑުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގެ މައިގަޑު މަގުސަދަކީ އެމްއޭސީއެލްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއް މިސްރާބަކަށް ގެންދިއުމުގެ އިތުރުން މި އަހަރަށް ކަޑައަޅާފައިވާ ލަނޑުދަނޑިތައް ހިއްސާކޮށް އެކަންކަން ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މި ފޯރަމްގައި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި، ކުންފުނީގެ ޑިވިޝަން، ޑިޕާޓްމަންޓްތަކުގެ އިތުރުން ސެކްޝަންތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންފައެވެ.

ފޯރަމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއްކަމަށާއި، އެގޮތުން އެމްއޭސީއެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިންމު ކަމެއްކަމަށެވެ.

"ހަމައެކަނި ކުރުމުއްދަތުގެ ކަންކަމަށް ފޯކަސްކޮށްގެން ކުރިޔަށް ދިޔުމަކީ މުސްތަގްބަލު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައިދާނެ ކަމެއް. އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލްވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން." ޝަރީފް ވިދާޅުވިއެވެ.

"ޓޭކް އޯފް 2024" ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް، އެމްއޭސީއެލް އިން ބޭއްވި މިފަދަ ފުރަތަމަ ފޯރަމްކަން ފާހަގަކޮށްލެވެއެވެ. ހަމަ މިފަދަ އިތުރު ފޯރަމެއް އަހަރު ނިންމަންވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.