މި ސަރުކާރުން މަސައްކަތްކުރަނީ ސިޔާސީ ވެރީންގެ ނުފޫޒުން ސަރުކާރުގެ މަސް ކުންފުނި މިފްކޯ ސަލާމަތްކޮށް، މިފްކޯ ރަނގަޅުކުރުމަށް ކަމަށް ވިދާޅުވެ، އެ ކުންފުނިން ބައެއް މީހުން ވަކިކޮށްފައިވާ ކަން، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ހާމަކުރައްވައިފިއެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ހާޒިރުކުރުމުން، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، މިފްކޯ ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ބޮޑެތި މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށާއި، އެގޮތުން މިފްކޯގެ މައި ދެ ފެސިލިޓީކަމަށްވާ ކޫއްޑޫ އާއި ފެލިވަރަށް ބޮޑެތި ބަދަލުތައް ގެނެސް އެ ދެ ތަން ހިންގުމުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ކުރަމުންދާ އެއް ކަމަކަށް ޝިޔާމް ފާހަގަކުރެއްވި އެއް ކަމަކީ، މިފްކޯގެ ބޮޑެތި މަގާމުތަކުގައި ތިއްބެވި ކޮންސަލްޓަންޓުން މަގާމުތަކުން ވަކިކުރުމެވެ. ޝިޔާމް ވިދާޅުވީ ބޮޑު މުސާރަ ލިބޭ ގޮތަށް މިފްކޯ އަށް ނަގާފައި ތިބި ކޮންސަލްޓަންޓުންނާއި އެ ކުންފުންޏަށް އެއްވެސް ފައިދާއެއްވާ މަސައްކަތެއް ނުކޮށްދެވޭނެ ކަމަށް ފާހަގަކުރެވިފައިވާ މުވައްޒަފުން މަގާމުތަކުން ވަކިކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މިފްކޯގެ ހާލަތު ގޯސްވީ އެކި ސަރުކާރުތަކުގެ ބޮޑެތި މަގާމުތަކުގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުން އެ ކުންފުންޏަށް ނުފޫޒު ފޯރުވުމުގެ ސަބަބުންނެވެ.

"އަޅުގަނޑުމެން މި އުޅެނީ މިކަން ހުއްޓާލަން، މިކަން އަޅުގަނޑުމެން ހުއްޓާލަން އުޅޭތީ އިއްޒަތްތެރި ރައީސް، މި އުޅެނީ އުނދަގޫވެގެން، އަޅުގަނޑުމެން މި އުޅެނީ މިފްކޯ ރީސްޓްރަކްޗާކުރަން، އަޅުގަނޑުމެން މި އުޅެނީ މިފްކޯ ރިފޯމްކުރަން،"

"މިފްކޯ މިގޮތަށް ބްލީޑްވާކަށް އަޅުގަނޑުމެން މި ސަރުކާރަކުން ޖާގައެއް ނުދޭނަން އިރާދަކުރެއްވިއްޔާ،" އޭނާ ވިދާޅުވިއެވެ.

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ އިތުރުން ދެން ލިބޭ މައިގަނޑު އެއް ޝަކުވާ އަކީ ވެސް މިއީ ކަމަށާއި، މަސްވެރިންނާ ބައްދަލުކުރެއްވުމަށް ކޫއްޑު އަށް އިއްޔެ ވަޑައިގަތުމުން، ވަކި ސިޔާސީ ބޭފުޅުންތަކެއްގެ ނުފޫޒުން މިފްކޯ ސަލާމަތްކޮށް، ވަކި މީހަކު ބޭނުންވީމާ ވަޒީފާ ދީގެން ހިންގާ ހިންގުން ނިމުމަކަށް ގެނައުމަށް ބައެއް މަސްވެރިން އެދުނު ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ ސަބްސިޑީ އަށް ބަރޯސާނުވާ ކުންފުންޏަކަށް މިފްކޯ ހެދުން"

އެހެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، މަހުގެ އަގަށް ގެނައި ބަދަލާ އެކު، ސަބްސިޑީ ދީގެން މިފްކޯ ހިންގުމަކީ ދައުލަތަށް އުނދަގޫ ކަމެއް ކަމަށެވެ.

"އަނެއްހެން ދަންނަވާކަމަށް ވަންޏާ ނުއުފުލޭ ބުރަޔަކަށް ހަގީގަތުގައި ބައެއް ފަހަރު ސަބްސިޑީ ވެގެން އެބަދޭ، އަދި ދުނިޔޭގެ މާލީ އިދާރާތަކުން ވެސް، ދިވެހިރާއްޖެ އެއް ނޫން، ހުރިހާ ގައުމަކަށް ވެސް ސަބްސިޑީ އަށް ބަރޯސާނުވެ ގައުމުތައް ހިންގަން މި އަންގަނީ،" ޝިޔާމް ޖަވާބު ދެއްވަމުން ގެންދެވިއެވެ.

ޝިޔާމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ސަބްސިޑީ އަށް ބަރޯސާނުވާ މިންވަރަށް މިފްކޯގެ ހިންގުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ ބައްޓަންކުރުން ކަމަށާއި، އެ އަމާޒަށް ވާސިލްވުމަށްޓަކައި މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތުން މަސްވެރިކަމުގެ ސިނާއަތް ސަބްސިޑީ އަށް ބަރޯސާނުވެ ހިންގޭނެ މޮޑެލްތައް އެބަހުއްޓެވެ.