ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އޮޕަރޭޓް ކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ އޭޕްރެން ބަންދުކޮށް އާ އޭޕްރަންއެއް ގާއިމްކޮށް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ، އާ އޭޕްރަން ރަސްމީކޮށް ބޭނުންކުރަން ފަށާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށާއި، އެ އޭޕްރަން ބޭނުން ކުރަން ފެށީ އެ ދުވަހުގެ ހެނދުނު ޖެއްސި މޯލްޑިވިއަން ފްލައިޓް އާ އެކީގައި ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވި ގޮތުގައި މި އޭޕްރަންއަކީ އެ އެއާޕޯޓް އަޕްގްރޭޑިން ޕްރޮޖެކްޓްގައި ހިމެނިފައި ނުވާ އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ ދަށުން މިހާރުން މިހާރަށް ވެސް ކުންފުންޏަށް އާމްދަނީ އިތުރު ކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށެވެ.

އަލަށް ހުޅުވުނު އޭޕްރަން މާކެޓް ކުރާނީ ޖެޓް ޕާކިން ފެސިލިޓީއެއް ގޮތުގައެވެ. ހަމަ އެއާއެކު އެއާޕޯޓް އަޕްގްރޭޑިން ޕްރޮޖެކްޓް ނިމިގެންދާ އިރު މި ސަރަހައްދު ބޭނުންކުރާނީ އައިސޮލޭޝަން ބޭ އެއްގެ ގޮތުގައި ކމަށް އެ ކުންފުނިން ބުނެއެވެ.

އަލައް ތަރައްގީ ކުރި އޭޕްރަންގެ ބޮޑުމިނަކީ 42،000 އަކަ ފޫޓެވެ. އެއީ އެއްފަހަރާ 6 ޖެޓައް ޕާރްކް ކުރެވޭނެވަރުގެ ޖާގައެވެ. މި މަޝްރޫއު ނިމިގެންދާ އިރު އޭ 320 އާއި ބޮއިންގް 737 ބޮޑެތި މަތިންދާ ބޯޓު ޖެއްސޭ ފެންފަރަށް ރަންވޭ ނިމި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތްދެވޭ ފެންފަރުގެ އެއާޕޯޓު ޓާމިނަލްއަކާއި ފިއުލް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެއެވެ.