ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުން ކުރި އެންމެ ފުރަތަމަ ކަމަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަށް އެމްޑީޕީން ރައްދުދީފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށްޓަކައި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން އޭރުގެ ސަރުކާރުން ނިންމީ ފައިސާ ޗާޕުކުރުމަށެވެ. ތިންވަނަ ފަހަރަށް ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކޮށްދީ، 17 ނޮވެމްބަރު 2021 ގައި ރައްޔިތުންގެ މަޖިލީހުން އޭރު ފާސްކުރީ މިދިޔަ އަހަރުގެ ނިޔަލަށް ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ.

އެކަމަށް އަލިއަޅުވާލައްވައި ރައީސްގެ ރިޔާސީ ބަޔާނަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީގެ ފަރާތުން ދިން ޖަވާބުގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރުން ސަސްޕެންޑުކޮށް، މިދިޔަ އަހަރުގެ ނިޔަލަށް މުއްދަތު އިތުރުކުރީ ނިމިދިޔަ ސަރުކާރުން ކަމަށެވެ.

އެހެންކަމުން، ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ނިންމީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި، އެ ނިންމުން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ކަން ފާހަގަކުރައްވައި މުހައްމަދު ރަޝީދު ވިދާޅުވީ، މަޖިލީހުގެ ރުހުން ނުލިބި، ފައިސާ ޗާޕުކުރުން ހުއްޓާލަން ސަރުކާރަށް ނުނިންމޭނެ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން، ސަރުކާރުން އެމްއެމްއޭ އިން ދަރަންޏަށް ފައިސާ ނެގޭނީ ތިން މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް، ބޭރުގެ މާލީ ބާޒާރުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސްގެ ގޮތުގައެވެ. މިގޮތުން ފައިސާ ނެގޭނީ އޭގެ ކުރީ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވަރެޖް އާމްދަނީގެ އެއް ޕަސެންޓަށް ވުރެ ދަށްނުވާނެ ގޮތަކަށް ކަމަށް ވެސް އެ މާއްދާގައިވެއެވެ.

މި މަހުގެ ފަސްވަނަ ދުވަހު މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި އިއްވެވި އަލަތު ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ރާއްޖެ އަށް އިގްތިސޯދީގޮތުން ފަހި މުސްތަގުބަލެއް ފެންނަން އޮތް ނަމަވެސް، ދައުލަތުގެ މާލީ ހާލަތު ވަރަށް ގޯސް ކަމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އާއި ދައުލަތުން ކުރާ ހަރަދުގެ ފަރަގު ބޮޑުވެ، ދަރަނި ބޮޑުވެފައިވާ ކަމަށެވެ.

2020 ވަނަ އަހަރު މުޅި ދުނިޔެ އަށް ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ދަތިކަމާ ހުރެ، އެ އަހަރުގެ ބަޖެޓުގެ ޑެފިސިޓް 13.5 ބިލިއަން ރުފިޔާ އަށް އިތުރުވި ނަމަވެސް، ރައީސް ވިދާޅުވީ، ދައުލަތުގެ ދަރަނި ކުޑަނުކުރެވުނީ އޭރުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވިފައިވާ ގޮތުގެ ސަބަބުންނާއި ސަރުކާރުން ކުރަމުން ދިޔަ އިސްރާފުގެ ސަބަބުން ކަމަށެވެ.

"ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސްކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، 2023 ވަނަ އަހަރު ނިމުނު އިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތަ އަށް އުފުލިފަ. ވޭތުވެދިޔަ 5 އަހަރު 8 ބިލިއަނެއްހާ ރުފިޔާ ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައި. މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް،"

އޭގެ ނަތީޖާގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ މި ސަރުކާރުން އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ފައިސާ ޗާޕުކުރުން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނައުން ކަމަށާއި، އެއަށްފަހު ރާއްޖޭގެ އިގްތިސޯދު ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރަން ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރޭ ހިތަދު އާއި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވަނީ މި ވާހަކަފުޅުތައް ތަކުރާރުކުރައްވައިފައެވެ.