ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަލަތު ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު ބަޔާންކުރެއްވީ އާންމުންނަށް ހަގީގަތް އޮޅޭ ގޮތަށް ކަމަށާއި، ގައުމުގެ ހާލަތު އާންމުންނަށް އޮޅުވާލައްވާފައިވާ ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް އިއްވެވި ބަޔާނަށް އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީން ދޭން ޖެހޭ ޖަވާބު މިއަދުގެ ޖަލްސާގައި އިއްވަވަމުން މުހައްމަދު ރަޝީދު ވިދާޅުވީ، ރައީސްގެ ބަޔާނުގައި ރާއްޖެ އަށް ކުރިމަތިވި ބޮޑެތި ކަންކަމަށް އަލިއަޅުވައިނުލައްވާ ކަމަށެވެ.

ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި މުހައްމަދު ރަޝީދު ވަނީ އެމްޑީޕީގެ ސަރުކާރުން، 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުގެ ހިތި ތަޖުރިބާކުރަން އާންމުންނަށް ނުޖެހި، އެ ބަލިމަޑުކަމުން ރާއްޖެ މުޅީންހެން އަރައިގަނެވިފައިވާ ކަމާއި، ކޮވިޑަށް ފަހު އައި ދެ އަހަރުގައި ބާރު ދުވެލީގައި ކުރިއަރައި ދިޔަ 10 އިގްތިސޯދުގައި ރާއްޖެ ހިމެނިފައިވާ ކަމަށް ވިދާޅުވެ، ކުރީ ސަރުކާރުން ކޮވިޑުން އަރައިގަތުމަށް ކުރި ބައެއް ކަންކަމަށް އަލިއަޅުވާލައްވައިފައެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރަށް އޭރު ދެ ގޮތެއް އޮތް ކަމަށެވެ. އޭގެ ތެރެއިން އެއް ގޮތަކީ ދައުލަތުގެ ބަޖެޓުން ދެބައިކުޅަ އެއްބައި ކުޑަކުރުން ކަމަށާއި، އޭރުން ދައުލަތުގެ މުވައްޒަފުން މަދުކޮށް، މުސާރަ ކުޑަކޮށް، ސަބްސިޑީ ކަނޑާލައި މަޝްރޫއުތައް ހުއްޓާލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ގޮތަކީ މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި، ދައުލަތުން ދަރަނި ނަގައިގެން ވެސް އިގްތިސޯދީ ތަދުމަޑުކަމުން އަރައިގަތުމެވެ. އެއީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަދީ މަޝްރޫއުތައް ހިންގައި ސިއްހީ ގާބިލުކަން އިތުރުކޮށް ވިޔަފާރިތަކަށާއި އާންމުންނަށް އެހީތެރިވެދިނުން ކަމަށާއި، ކޮވިޑުގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ތަދުމަޑުކަމުން އަރައިގަނެވުނީ މި ގޮތަށް ކަންކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް 14.6 ބިލިޔަން ރުފިޔާގައިވާ ކަން ހާމަކުރެއްވި ނަމަވެސް، އެ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމާއި ޖެހިގެން އައި އަހަރު ހިނގި ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުނު ކަމާއި ބައިނަލްއަގުވާމީ މާލީ ބާޒާރުގައި އިންޓްރެސްޓް ރޭޓު މައްޗަށް ދިޔަކަން ފާހަގަނުކުރައްވާ ކަމާއި އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުގެ އާމްދަނީން 50 ޕަސެންޓު ކުޑަވިކަން އެ ބަޔާނުގައި ފާހަގަނުކުރައްވާ ކަމަށް ވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން ދަރަނި ނެގީ އަނބުރާ ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންނެވެ.

އެގޮތުން 2025 އާއި 2026 ގައި ދަރަނި ދައްކަން ރާވާފައިވާ ގޮތާއި މެދު ރާސްތާގައި ދަރަނި ދައްކާނެ ގޮތުގެ ތަފްސީލު ވެސް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި، ނަމަވެސް ރިޔާސީ ބަޔާނުގައި ރައީސް އެ ވާހަކަތައް ނުހިމަނުއްވައި، ބަޔާން ނިންމަވާލެއްވީ ޒިންމާދާރުކަން ކުޑަކޮށް ކަމަށް، މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ކޮވިޑުގެ ދަތިކަން އެއީ ނެތް އެއްޗަކަށް ހައްދަވައި، ގައުމަށް މި ދިމާވެފައިވާ ނާޒުކު ހާލަތުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ތިލަކޮށްލެއްވީ ސިޔާސީ ބޯޅަ ޖެއްސުމުގެ ނިޔަތުގަ،" އޭނާ ވިދާޅުވިއެވެ.