މި ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ނަގާނީ އޭގައި ރައްޔިތުންނަށް ފައިދާ ވާ ގޮތަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މަރަދޫފޭދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގުތިސާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައިކަމަށާއި ރާއްޖޭގެ ދަރަނީގެ އަދަދު 120 ބިލިއަނަށް އަރާ ކަމަށެވެ. އަދި އެއީ މީން ޒަމާނަކު ރާއްޖޭގެ އިގުތިސާދު ނުވެއްޓޭ މިންވަރެއްކަން ރައީސް ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މީގެ ކުރިން ލޯނުތައް ނަގާފައި ވަނީ ރައްޔަތުންނަށް އޭގެ އެންމެ ފައިދާވާ ގޮތަށް ނޫންކަމަށާއި ނަމަވެސް މި ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ކުރިއަށް ގެންދާނީ އޭގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އަދި ރައްޔިތުންނަށް ފައިދާ ކުރާ ގޮތަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި އައްޑޫސިޓީގެ އެއާޕޯޓުގެ މަސައްކަތާއި، އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތްތަކާއި، އަދި ސީޕްލޭން ހަބަކާއެކު އައްޑޫސިޓީގެ ބްރިޖުގެ މަސައްކަތްވެސް ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.