މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަނެއްހާ ރުފިޔާ ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން ދެއްވާނެ ކަމުގެ ޔަގީން ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު އައްޑޫ ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގައި މަރަދޫ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިރުޝާދިއްޔާ ސްކޫލްގައި ބޭއްވި ބާއްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، މި ސަރުކާރު އައުމަށް ފަހު ވަނީ މަސްވެރިންނަށް މިހާތަނަށް 442 މިލިއަން ރުފިޔާ ދީފައި ކަމަށެވެ. އެއީ މި ސަރުލާރު އައި އިރު ވެސް ނުދީ އޮތް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އޭގެ އިތުރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަސްވެރިން ކުރަމުން އައި މަސައްކަތަށް ދޭން ޖެހޭ ފައިސާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެއަށް ފަހު ވެސް މިހާރު 298 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ދޭން ޖެހިފައިވާ ވާ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އެ ފައިސާ ރޯދައިގެ ކުރިން ދެއްވާނެ ކަމަށެވެ. އަދި އެ ފައިސާ ދިނުމަށް ފަހު ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ޖުމްލަ 442 މިލިއަން ރުފިޔާ 3 މަސް ތެރޭގައި މި ދެއްކީ. އަދި ހަމަ މަސްވެރިކަން ކުރިއަށްދާ ވަރަކަށް މަސްވެރިންނަށް ފައިސާ ދޭން ޖެހޭނެ. މިހާރު ހަމަ އިތުރަށް 298 މިލިއަން ރުފިޔާ 300 މިލިއަން އެބަ އޮތް ދައްކަން. އެ ފައިސާވެސް މިބަލަނީ އިރާދަ ކުރެއްވިއްޔާ ރޯދައިގެ ކުރިން ނިންމާލެވޭތޯ."
ރައީސް ޑރ. މުހައްމަދު މުއިއްޒު

މަސްވެރިންނަށް ފައިސާ ނުދެއްކި އޮތް މައްސަލަ އަކީ މި ސަރުާރު އައި ފަހުން ދިމާވި މައްސަލައެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއީ މި ސަރުކާަށް ވާރުތަވި އިގްތިސޯދީ ހާލަތެއް ކަމަށާއި ކުރީ ސަރުކާރުން 260 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ނުދައްކާ އޮތް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ވޭތިވެ ދިޔަ 3 މަސް ދުވަސް ތެރޭ ކުރީ ސަރުކަރުން ނުދައްކާ ހުރި ފައިސާ އާއެކު 442 މިލިއަން ދައްކާފައިވާ ކަމަކީ ފައިސާ ދެއްކުމަށް ނިޒާމެއް ގެނައުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މަރަދޫ އާއި ފޭދޫގައި ފައިސާ ނުލިބޭ އެތައް މަސްވެރިންތަކެއް ތިބި ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، އެ ފައިސާ ވަރަށް އަވަހަށް ދައްކަވާނެ ކަމަށެވެ. އެ ގޮތުން އެ ދެ ރަށުގެ މަސްވެރިންނަށް ދައްކަން ޖެހޭ 30 މިއަން ރުފިޔާ އެބަ އޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން އިގްތިސޯދު ނަގާ ކޮޅަށް ޖަހައި ދެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން މިކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީން ކަން މުއިއްޒު ދެއްވިއެވެ.

ރައީސް މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެއްވާނެ ކަމަށް ވިދާޅުވެފައިވާ އިރު، މިއަދު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ކޫއްޑޫއަށް ވަޑައިގަތުމުން އެ ރަށުގައި މަސްވެރިން ވަނީ އިހުތިޖާޖުކޮށް، ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން މަސްވެރިން ބާނާ މަހުގެ ފައިސާ ނުލިބި ދިގުލައިގެން ދާ މައްސަލައަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. ބުރަ މަސައްކަތް ކޮށް އަނބިދަރިންނަށް ހަރަދު ކުރަން ފައިސާ ލިބެނީ އެތައް މަސްތަކެއް ފަހުން ކަމާއި މިއީ ވަރަށް ބޮޑު ހިތްދަތިކަމެއްގެ ގޮތުގައި މަސްވެރިން ދަނީ ފާހަގަ ކުރަމުންނެވެ.

މަސްވެރިންގެ މި ކަންބޮޑުވުންތައް ހައްލު ކޯށްދެއްވާނެ ކަމަށް މިނިސްތަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރަށް ވާރުތަވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 250 ވަރަކަށް މިލިޔަން ރުފިޔާ ނުދީ އޮއްވާ ކަމަށާއި މިހާރު ނުދެވިހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށް ޝީޔާމް ވަނީ ވިދާޅުވެފައެވެ. އަދި މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން ރުފިޔާ ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މި ހަފްތާ އެ ފައިސާ މިފްކޯއިން ހަމަޖައްސާނެ ކަމަށެވެ.