އައްޑޫގެ އިގްތިސާދީ ކުރިއެރުމަށް ކުރަން ހުރި ކަންކަމަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު އައްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި އައްޑޫގެ ސިޓީ ކައުންސިލުން ވަނީ އެ ރަށުގެ ސިއްހީ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާކަމަށާއި ބޭސް ލިބުމުގައި ދަތިތަކެއް ދިމާވާކަން ފާހަގަކޮށްފައެވެ. އަދި ފެނުގެ ހިދުމަތާއި، އިންޖީނުގެއާއި ކަރަންޓު ވިއުގައާއި، ޕޯޓާއި ބައެއް ބަނދަރުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައްވެސް ވަނީ ސިޓީ ކައުންސިލުން ރައީސަށް ދަންނަވާފައެވެ.

މީގެއިތުރުންވެސް ބޯހިޔާވަހިކަމުގެ މަޝްރޫއާއި، ވަޒީފާގެ ފުރުސަތު ތަނަވަސްކުރުމާއި، ހުޅުދޫމީދޫގެ ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ އިތުރުން އެރަށުގެ ދަނޑުވެރިންގެ ކަންބޮޑުވުންތައްވެސް ވަނީ ހިއްސާކޮށްފައެވެ.

މި ހުރިހާ ކަންބޮޑުވުންތަކަކަށް ރައީސް ވަނީ ވީއެންމެ ރަނގަޅަށް އެކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އައްޑޫސިޓީގައި މަސައްކަތް ކޮށްދެއްވާނީ އެސިޓީގެ އިގްތިސާދީ ކުރިއެރުމަށް ކުރަންހުރި ކަންކަމަށް އިސްކަން ދެއްވައިގެންކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައްޔިތުންގެ އަޑު އެއްސެވެމުށް ކުރާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ ކުރިންވެސް ރައީސް ވަނީ ރައްޔިތުންގެ ހާލު ބައްލަވާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީ ގަން، ހިތަދޫ، މަރަދޫ/ފޭދޫ، ސ. ހުޅުމީދޫ، ސ. ގަން އަދި ފުވައްމުލައްސިޓީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ގދ. ފަރެސްމާތޮޑާ، ގދ. މަޑަވެލި، ގދ. ތިނަދޫ ގދ. ގައްދޫ، ގއ. ގެމަނަފުށި، ގއ. ކޮނޑޭ، ގއ. ވިލިނގިލި، ގއ. ކޮލަމާފުށި ގއ. ދާންދޫގެ އިތުރުން ގއ. ކޫއްޑޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.