ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑުއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހަތަރު ދުވަހުގެ މި ދަތުރުފުޅަކީ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައްޔިތުންގެ އަޑު އެއްސެވެމުށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ ކުރިންވެސް ރައީސް ވަނީ ރައްޔިތުންގެ ހާލު ބައްލަވާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީ ގަން، ހިތަދޫ، މަރަދޫ/ފޭދޫ، ސ. ހުޅުމީދޫ، ސ. ގަން އަދި ފުވައްމުލައްސިޓީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ގދ. ފަރެސްމާތޮޑާ، ގދ. މަޑަވެލި، ގދ. ތިނަދޫ ގދ. ގައްދޫ، ގއ. ގެމަނަފުށި، ގއ. ކޮނޑޭ، ގއ. ވިލިނގިލި، ގއ. ކޮލަމާފުށި ގއ. ދާންދޫގެ އިތުރުން ގއ. ކޫއްޑޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަހު ކުރީކޮޅު ރައީސް ވަނީ ތ. އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރެއްވި އެ ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ތ. ގުރައިދުއަށެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ތ. އަތޮޅުގެ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށްވެސް ވަޑައިގެންފައެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ވަނީ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ. މީގެއިތުރުން ތ. ކިނބިދޫއަށް ވަޑައިގެން ރައީސް ވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.