ސިޓީތައް ފިޔަވާ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ބ. ތުޅާދޫ އަދި ޅ. ނައިފަރު ދާއިރާއަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު އީސީއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާލެ ސިޓީގެ މާފަންނު މެދު ދާއިރާއަށެވެ. އަދި ސިޓީތައް ފިޔަވާ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ތުޅާދޫ އަދި ނައިފަރު ދާއިރާއަށް 7 ކެންޑިޑޭޓަކު ވާދަކުރެއެވެ.
އޭގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއަށް ވެސް 7 ކެންޑިޑޭޓަކު ވާދަކުރާ ކަމަށް އީސީއިން ވަނީ ބުނެފައެވެ. އަދި އުނގޫފާރު ދާއިރާއަށް 6 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އީސީގެ ތަފާސް ހިސާބުތަކުން ފެނެއެވެ.
އީސީއިން ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން 381 މީހަކު ފޯމު ހުށަހެޅި ކަމަށާއި އޭގެ ތެރެއިން ކެންޑިޑެންސީ ފޯމު ގަބޫލުކޮށްފައިވަނީ 368 މީހުންގެ ކަމަށެވެ. އަދި އޭގެ ތެރެއިން 4 މީހަކު ނަން އަނބުރާ ގެންދިޔަ ކަމަށްވެސް އީސީއިން ވަނީ ބުނެފައެވެ.
ނަން އަނބުރާ ގެންދިޔަ މީހުން:
- އެމްޑީޕީން މުލަކު ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓު
- ޕީއެންސީން ގައްދޫ ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓު
- ޑިމޮކްރެޓުންގެ ފަރާތުން ހިތަދޫ މެދު ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓު
- އަމިއްލަގޮތުން ކިނބިދޫ ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓު
ހަބީބް އާންމުކުރެއްވި ތަފާސްހިސާބުތަކުގައި ވާ ގޮތުން އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ވާދަކުރަނީ ޑިމޮކްރެޓުންގެ ފަރާތުންނެވެ. އެގޮތުން ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރާ ޖުމްލަ 39 ކެންޑިޑޭޓުންގެ ތެރެއިން 12 ކެންޑިޑޭޓުންނަކީ އަންހެން ކެންޑިޑޭޓުންނެވެ. އެއީ 30.8 ޕަސެންޓެވެ.
ޑިމޮކްރެޓުންގެ ފަރާތުން އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ވާދަކުރާއިރު ސަރުކާރު ތަމްސީލުކުރާ ޕީއެންސީން ކުރިމަތިލި 89 ކެންޑިޑޭޓުންގެ ތެރެއިން އަންހެން ކެންޑިޑޭޓުން ވާދަކުރަނީ ދެ ދާއިރާއަށެވެ. އެއީ 2.2 ޕަސެންޓެވެ.
ޕާޓީތަކުން އަންހެން ކެންޑިޑޭޓުން ދެން ތަމްސީލުވާ ގޮތަށް ބަލާލާއިރު ޖުމްހޫރީ ޕާޓީން ދެ އަންހެން ކެންޑިޑޭޓުން އަދި މައި އިދިކޮޅު ޕާޓީ އެމްޑީޕީން ހަ އަންހެން ކެންޑިޑޭޓުން ވާދަކުރެއެވެ. މަޖިލީހުގެ އިންތިހާބުގައި ދެން ވާދަކުރާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އެމްޑީއޭ އާއި އަދާލަތު ޕާޓީ އާއި އެމްއެންޕީން އެއްވެސް އަންހެން ކެންޑިޑޭޓަކު ވާދައެއް ނުކުރެއެވެ.