ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތުކަމަށާއި، އެކަން މާލެ ސަރަހައްދެކޭ އެއްފަދައިން އަތޮޅުތަކުގައިވެސް ކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އޮންނަގޮތުން ވަރަށް ބޮޑެތި ބުރަ އުފުލަންޖެހޭކަން ބަޔާންކޮށް ލ. މާބައިދޫ، ލަކްސްލިން، އާދަމް އަބްދުﷲ، ކުރި ސުވާލަށް، ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ރާއްޖޭގައި ތިބި ސްޕެޝަލިސްޓުންނަށް ވަޒީފާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަަމަށެވެ. އަދި ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކުން ބޭރުން ޑޮކްޓަރުން ހޯދުމުގެ މަސައްކަތްވެސް ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ހޮސްޕިޓަލުތަކުގައި ސްޕެޝަލިސްޓުން އިތުރުވާ މިންވަރަކަށް ޑޮކްޓަރަށް ދައްކަން މަޑުކުރަންޖެހޭ މައްސަލައަށް ހައްލު ލިބިގެން ދާނެކަމަށެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެޕޮއިންޓްމެންޓް ހަދާއިރު، އެޕޮއިންޓްމެންޓް ލިބޭ ދުވަސް ޔަގީންކަމާއެކު ހަމަޖެހިގެންދާ ގޮތަށް ނިޒާމު ބައްޓަން ކުރުމުގެ މަސައްކަތްވެސް ކުރަމުން ދާކަމަށް ވިދާޅުވިއެވެ. "އެޕޮއިންޓްމެންޓް އާ އެކު ސީދާ ދުވަސް ލިބި އިތުރަށް އިންތިޒާރުކުރަން ނުޖެހި ރަށުގައި ހުރެގެން ވަޑައިގެންނެވޭ ގޮތަށް." ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ މިހާރު ބައްޓަން ކުރަމުން އަންނަ ނިޒާމާއެކު ޑޮކްޓަރުން ވީހާވެސް ގިނަ ވަގުތު ހޮސްޕިޓަލުގައި ހިދުމަތް ދިނުމަށް މަޑުކުރަންޖެހޭ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އަދި މިކަންތައްތައް މާލެ ސަރަހައްދެކޭ އެއްފަދައިން ރާއްޖޭގެ ޓާޝަރީ ހޮސްޕިޓަލްތަކުގައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.