ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައި އިން ޓެކްސް ޓް ވީޑިއޯ ނުވަތަ ލިޔާ ޖުމްލަ އަކުން ރިއަލިސްޓިކް [އަސްލާ އެއްގޮތް] ވީޑިއޯ އުފައްދާ ޓެކްނޮލޮޖީ "ސޮރާ" ތައާރަފް ކޮށްފިއެވެ.
ސޮރާ އަށް ދޭ ކޮމާންތް ނުވަތަ ލިޔާ ޖުމްލަތަކުގެ ފުރިހަމަ ތަޖުރަމާ ކުރުމުގެ ކުޅަދާނަ ކަން ލިބިފައި ވާ އިރު ސޮރާ އިން އުފައްދައިދޭ ވީޑިއޯ ތަކަކީ އެ ބަލާ މީހަކަށް އަސްލެއް ކަމެއް އޭއައި އުފެއްދުމެއް ކަމެއް ނޭނގޭހާ އަސްލާ އެއްގޮތް ވީޑިއޯ ތަކެވެ.
އެނިމޭޓަރުން އަމިއްލައަށް ވީޑިއޯއެއް އެނިމޭޓް ކޮށް ނުވަތަ ރެންޑާ ކޮށް ނުވަތަ ވީޑިއޯ ކެމެރާއަކުން ރެކޮޑްކުރާ މަންޒަރުތަކަށް ވުރެ މާ ފުރިހަމައަށް ވީޑިއޯ އުފައްދާ ސޮރާ ތައާރަފް ކުރުމާއެކު އާޓިފިޝަލް އިންޓެލިޖެންސް ގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ޓެކްނޮލޮޖީގެ ދާއިރާގެ އެކްސްޕާޓުން ބުނެއެވެ.
އާންމު އިންސާނުންނަށް ގޮސް ނޫޅެވޭ ތަންތަނާއި އަދި ކޮށް ނޫޅެވޭ ކަންކަމުގެ ވީޑިޯ އުފެއްދުމުގެ ކުޅަދާނަކަން ސޮރާ އަށް ލިބިގެންވެއެވެ. މިސާލަކަށް އިންސާނަކު ޖައްވުގެ ތެރޭގައި އުޅޭ ގޮތް އެކި އޭންގަލްތަކުން ދައްކާލުމާއި، ވިލާގަނޑެއްގެ މަތީގައި ފޮތް ކިޔަން އިނުން ފަދަ އާދަޔާ ހިލާފު އެހެނަސް އަސްލާ އެއްގޮތަށް މަންޒަރުތައް އުފައްދައިދެއެވެ. އަދި އެފަދަ ވީޑިއޯ އުފައްދާ އިރު އަސްލާ އެއްގޮތަށް މޯޝަން [ހަރަކާތްތައް ގެނައުމާއި އުފެއްދުމާއި، އަސްލާ އެއްގޮތަށް ބެކްގްރައުންޑް އުފެއްދުމުގެ" ކުޅަދާނަ ކަމުގެ އިތުރުން އިންސާނާ ނުވަތަ ޔޫޒާ، ސޮރާ ކައިރީ އުފައްދަން ބުނާ ވީޑިއޯ އާ ގުޅޭ ގޮތަށް ދުނިޔޭގެ އެމަންޒަރެއް އުފައްދާލައެވެ.
ސޮރާ ބޭނުން ކޮށްގެން އުފައްދާފައި ވާ ބައެއް ވީޑިއޯ ކްލިޕްތައް މިހާރު އާންމު ކޮށްފައި ވާ އިރު އާދަޔާ ހިލާފު ރީތި މަންޒަރުތަކާއި މާ ކުރީގެ ނުވަތަ އިހުގައި ކަންކަން ހިނގާފައި އޮތް ގޮތާ ދާދި އެއްގޮތަށް މަންޒަރުތައް އަތުރާލައި ވީޑިއޯތައް އުފައްދާފައި ވެއެވެ.
ސޮރާ އަކީ ގޭމް ޗޭންޖާ ކަމަށާއި އެއީ 'މި ދުނިޔެމަތީގެ ކަމެއް ނޫން' ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެ ޓެކްނޮލޮޖީއަށް ތައުރީފް ކުރަމުންނެވެ.
ސޮރާ ނޫނަސް ޓެކްސްޓް ވީޑިއޯ ހެދޭ އޭއައި ޕްލެޓްފޯމްތައް އެބަހުއްޓެވެ. ނަމަވެސް އެފަދަ ޕްލެޓްފޯމްތަކުގައި އުފައްދާ ވީޑިއޯތަކުގައި ޔޫޒާ ބުނާ މަންޒަރުތައް ނޫން މަންޒަރާއި ސިފަތައް ހިމެނޭތީ އެއީ އާންމުންގެ މެދުގައި މަގުބޫލު ޕްލެޓްފޯމްތަކަކަށް ނުވެއެވެ.