ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖޭއެސްސީގެ މެންބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ރަސްމީކޮށް މިއަދު އައްޔަން ކުރައްވައި، ލިއުންކޮޅު ހަވާލު ކުރައްވައިފިއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ސުއޫދު އައްޔަން ކުރެއްވި ކަމުގެ ލިޔުންކޮޅު ރައީސް ހަވާލުކުރެއްވީ އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ސުއޫދަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

މީގެ 13 އަހަރު ކުރިން 2010 ވަނަ އަހަރު އޭރުގެ ބަންޑާރަނައިބުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ކުރެއްވި ސުއޫދު، އެ ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލުކުރާނެ ކަން އެ ކޯޓުން ހާމަކުރީ މިދިޔަ އަންގާރަ ދުވަހު 'އެކްސް'ގައި ކުރި ޕޯސްޓެއްގައެވެ. އެކަމަކު އިތުރު ތަފްސީލެއް އެ ކޯޓުން ހާމަނުކުރެއެވެ.

ފަނޑިޔާރު ސުއޫދު ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާނީ މިދިޔަ ފަސް އަހަރު އެ ކޯޓު ތަމްސީލުކުރެއްވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ބަދަލުގައެވެ.