ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މަރުހަލާތައް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރުމުން، ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ 25 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާނެ ތާރީހާއެކު ކޯޓުގެ ނޯޓިސްއެއް މިހާރު ލިބިފައިވާއިރު ފުރަތަމަ އަޑުއެހުން އޮންނާނީ ފެބްރުއަރީ 25، 2024 ވަނަ ދުވަހު ހެނދުނު 10:45ގައެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސް އަދި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ. އެހެންނަމަވެސް މި ސަރުކާރުގެ ވަޒީރުކަމަށް އައްޔަންކުރި 7 މެންބަރުންގެ ގޮނޑި ހުސްވުމުން މިހާރު ވަނީ މަޖިލީހުގައި ތިބި ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް މަޖިލީހުން ވަނީ ކަނޑައަޅާފައެވެ. އަދި އެމްޑީޕީ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް އަދި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކޮށް، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާ، އަގުލަބިއްޔަތު ގުނާ ގޮތަށް ބަދަލުގެނެސްފައެވެ.

މަޖިލީހުގެ ގަވައިދަށް ގެނައި މި ބަދަލާއެކު، އެ މައްސަލަ ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ޖެނުއަރީ 28، 2024 ގައެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓުން މި މަހުގެ 5 ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވާއިރު ކޯޓުން ގޮތެއް ނިންމަން ދެން ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލަން މި މަހު 8 ވަނަ ދުވަހު އެ ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގާފައެވެ. އެހެންނަމަވެސް މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ވަނީ އެ އަމުރަށް އަމަލުނުކުރުމަށް ނިންމާފައެވެ.