ފްލެޓު ދޫކުރުމަށް ހާއްސަ މިނިވަން ކޮމިޓީ އެއް އެކުލަވާލައި، ފްލެޓަށް ޝަރުތުހަމަވާ ކަމަށް އޭސީސީން ކަނޑައެޅި 20 ޕަސެންޓު މީހުންނަށް ފްލެޓުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީން ބޭއްވި ބައްދަލުވުމަށް މިނިސްޓަރާއި ހައުސިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ހާޒިރުކުރައްވައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ، ފްލެޓުތައް ދޫކުރުމުގެ މައްސަލައިގެ ތަހްގީގު ނިންމައި އޭސީސީން މިނިސްޓްރީ އަށް ފޮނުވި ސިޓީ އަކީ ސިއްރު ސިޓީ އެއް ކަމަށާއި، ބަންޑާރަނައިބު އަހްމަދު އުޝާމްގެ އަރިހުން ގާނޫނީ ލަފަޔަކަށް އެދިވަޑައިގަތުމުން، އޭސީސީގެ ހުއްދަނެތި މައުލޫމާތު ހިއްސާކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ލަފާ ދެއްވި ކަމަށެވެ.

މިކަމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލާ ވާހަކަ ދެއްކެވުމުން، އޭސީސީގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށް އެ ކޮމިޝަނުން ބުނުމުން، ފްލެޓް ލިބުނު މީހުންގެ ލިސްޓު ކޮމިޓީ އާ ހިއްސާކުރުމަށް އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށާއި، އެ ލިސްޓު ހިއްސާކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ހައިދަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ، އޭސީސީގެ ތަހުގީގު ފުރިހަމަނުވާތީ މިނިސްޓްރީން ޕޯޓަލަށް ނުވަދެވޭ ކަމަށާއި، އެހެންވެ ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ނިންމި މީހުންގެ ޝަރުތު ހަމަނުވާ ސަބަބު ބެލުމަށްޓަކައި ފޯމުތައް އަލުން ޗެކްކުރުމުގެ ފުރުސަތެއް އަދި ނެތް ކަމަށެވެ.

އެހެންކަމުން މިނިސްޓްރީން ޕޯޓަލަށް ވަދެވޭ ގޮތް ވުމުން، ފްލެޓަށް ޝަރުތު ހަމަނުވާ މީހުންގެ ޝަރުތު ހަމަނުވާ ސަބަބު ހޯދުމުގެ އިތުރުން، ޝަރުތު ހަމަވާ މީހުންނަކީ ކޮން ބައެއްކަން ޕޯޓަލް މެދުވެރިކޮށް ޔަގީންކުރުމަށް ފަހު، އެ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާނަން ކަމަށާއި، އެ މަސައްކަތްކުރަނީ މިނިވަން ކޮމިޓީ އެއް އެކުލަވާލައި އެ ކޮމިޓީގެ ލަފަޔާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގެ މައްސަލައިގައި ހިންގި ތަހުގީގަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުން:

  • އެ ސްކީމުގެ ދަށުން ހުށަހެޅި 4،048 ފޯމެއް ބަލާފައިވޭ
  • އޭގެ ތެރެއިން ޝަރުތު ހަމަވަނީ 20.7 ޕަސެންޓު ފޯމުތައް
  • 59.6 ޕަސެންޓު ފޯމުތަކުގެ ޝަރުތު ފުރިހަމަނުވޭ
  • 19.7 ޕަސެންޓު ފޯމުތަކުގައި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އެބަހުރި