އަންހެނުނަކީ ތަފާތު ބައެކެވެ. އެކަމަށް ހެކި ދޭނެ އެތައް ކަމެއް މި ދުނިޔެ މަތިން ފެންނަން ހުރިއިރު މަސައްކަތްތެރިކަމުގެ ރޮނގުން ބެލިނަމަވެސް އަންހެނުންނަކީ ފިރިހެނުންނަށްވުރެ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހޭނެ ބައެއް ނޫނެވެ. ފިރިހެނުން ކުރަމުންދާ ބުރަ އަދި އެހާމެ ބޮޑެތި މަސައްކަތްތައް ކުރުމުގައި އަންހެނުން އުޅޭ މަންޒަރު އަހަރެމެންގެ މި ކުޑަ ކުޑަ ދިވެހި ރާއްޖެއިންވެސް ފެންނާނެއެވެ.
ތާރީހީ އެތައް ވާހަކަތަކާއި އެތައް ހަނދާންތަކެއް އަދި ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގެ ބޭއްވި ރީތީގެ ރާނީގެ މުބާރާތުގެ ވާހަކަތަކުން އެ ރަށެއް ވިދާލި، ހއ. ބާރަށަށް ދެވުމުން އެ އަތޮޅު އުތީމު ތިން ބެއިންނާއި ކަޅުއޮއްފިންމިއާ ގުޅުންހުރި ހަނދާންތައް ހުރި ސަރަހައްދުތަކާއި އެ ރަށުގެ ރީތި ބޮޑު ކުޅި ބަލާލަން ދިޔައީމެވެ. އެ ތަންތަން ބަލާލަން ގޮސް އުޅުމުގެ ތެރޭގައި އެ ރަށުގައި ކުނި މެނޭޖްކުރަނީ ކިހިނެތްތޯ ހަވާލުވެހުރި ހުރި ކައުންސިލްގެ މެންބަރާ ސުވާލުކޮށްލީމެވެ.
ގިނަ ރަށްތަކާ އެއްގޮތަށް އެ ރަށުގައި ވެސް ޒަމާނީ ކުނި މެނޭޖްކުރާ ސެންޓަރެއް މިހާތަނަށް ހެދިފައި ނެތް ކަމަށާއި އެ ރަށުގައި ކުނި މެނޭޖްކުރަމުންދާ ގޮތް ވަރަށް ތަފްސީލީ ގޮތެއްގައި ކައުންސިލް މެންބަރު ކިޔައިދެއްވިއެވެ. ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އަންހެނަކު ކުރަމުންދާ ހީވާގި މަސައްކަތުގެ ވާހަކަ ކައުންސިލް މެންބަރު ފާހަގަ ކުރެއްވުމުން އެ ސަރަހައްދަށް ދިއުމަށް ބޭނުންވެ، އެކަމަށް އެދުނީމެވެ.
އެ ސަރަހައްދަށް ދިޔައިރު މެންދުރުވާން ގާތްވެފައި ވީނަމަވެސް އެ ރަށު އުމުރުން 60 އަހަރުގެ ހައްވާ އަބްދުއް ރަހުމާން (ދޮން ހައްވަ) އުޅެމުން ދިޔައީ އަވަދިނެތި މަސައްކަތުގައެވެ. އެ މަސައްކަތުން ފެނިގެން ދިޔައީ އޭނާގެ ކެރުންތެރިކަމާއި ހީވާގި ކަމާއި މަސައްކަތަށް ހުރި ޝައުގެވެ.
2700 އެއްހާ އާބާދީގެ، ބާރަށުގެ ރައްޔިތުން އެ ސަރަހައްދަށް އަޅަމުންދާ ހުރިހާ ކުންޏެއް ނައްތާލުމަށްޓަކައި ދޮން ހައްވަ އެކަނި ކުރަމުންދާ މަސައްކަތުން އޭނާގެ ކެރުންތެރިކަމާއި ހީވާގި ކަމާމެދު ސުވާލެއްވެސް ކޮށްލަން ނުޖެހޭނެކަން ގައިމެވެ. އަދި އޭނާގެ ކުޅަދާނަކަން އިތުރަށް އެނގި ހާވަވެގެން ދިޔައީ އެ ސަރަހައްދުގައި ހަދާފައިވާ ކުޑަ ގެއާއި ވަޅުންނެވެ.
މީހުން އުކާލާ ކުނިން ހަދާފައިވާ ކުޑަކުޑަ ގެއަކީ ވިއްސާރައިން ހިޔާވުމަށް ދޮން ހައްވަ އަމިއްލައަށް ހަދާފައިވާ ގެއަކަށް ވާއިރު އެ ވަޅަކީ ވެސް އޭނާގެ އަމިއްލަ މަސައްކަތެވެ. އޮޓޯ ދޮންނަ މެޝިނެއްގެ ގޮތުގައި ދުރަށް ފެންނަ އެ ވަޅުގެ ބޭރަކީވެސް މީހަކު އުކާލި ކުނިން ނަގައިގެން ފައްތާފައިވާ އެއްޗެއް ކަމަށް ދޮން ހައްވަ ކިޔައިދިނެވެ.
ދޮން ހައްވަ ބުނީ އެތަނުގައި ކުޑަ ގެއަކާއި ވަޅެއްވެސް ހަދާފައި ވަނީ އަމިއްލައަށް ކަމަށާއި ވަކި ހިސަބަކަށް ވަޅު ކޮނުމަށްފަހު، ވަގުތު ނުލިބޭތީ އެ ވަޅު ފުނަށް ކޮނުވީ މީހަކަށް އަގު ދީގެން ކަމަށެވެ. އެއަށްފަހު ވަޅުގެ އެތޭގައި ޓިނު ޖަހާ، ބޭރުން ދޮންނަ މެޝިން ލީ އޭނާ އަމިއްލައަށް ކަމަށް ދޮން ހައްވަ ވަނީ ބުނެފައެވެ.
މި ފަދަ މަސައްކަތްކަށް ޝައުގުއުފެދުނީ ކިހިނެއް؟
ކުނިމެނޭޖްކުރުމުގެ ވަޒީފާއަށް މީހަކު ނެގުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން އެ ރަށު ކައުންސިލުން ކުރި އިއުލާނެއް ފެނި ދޮން ހައްވަ އެ ވަޒީފާއަށް އެދި ހުށަހެޅީ އެ މަސައްކަތް ކުރާހިއްވާލެއް ބޮޑުކަމުންނެވެ. އޭރު އެތަނުގައި އިތުރު މީހަކު އުޅުނު ނަމަވެސް މިހާރު އެ މަސައްކަތުގައި އުޅެމުން ދަނީ ދޮން ހައްވަ އެކަންޏެވެ.
ދޮން ހައްވަ ބުނީ އޭރު ލިބެނީ ވަރަށް ކުޑަ މުސާރައެއް ކަމަށާއި އެހެންނަމަވެސް މިހާރު ކުރިއަށް ވުރެ މުސާރަ ބޮޑު ކަމަށެވެ. އަދި މުސާރައާ އަޅާބަލަފައި އެ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި އެހެންމަމަވެސް އެ މަސައްކަތް ކުރަނީ ވަރަށް ކުރާ ހިތުން ކަމަށް ދޮން ހައްވަ ވަނީ ބުނެފައެވެ.
އެ މަސައްކަތް ފެށުމުގެ ކުރިންވެސް ދޮން ހައްވައަކީ ތަންތަނުގައި ހުންނަ ކުނި އެއްކޮށް، އަންދާ މަސައްކަތް ވަރަށް ކުރާ ހިތުން ކުރި މީހެކެވެ. ދޮން ހައްވަ ބުނީ އެ ވަޒީފައި ނޫޅޭއިރުވެސް ދިމަދިމާލަށް އަޅާފައި ހުންނަ ކުނި ފެނިގެން އަބަދުވެސް އަންދާ ކަމަށެވެ.
ވަޒީފާ ހަމަޖެހުމަށް ފަހު ކައުންސިލުން ވަނީ ދޮން ހައްވަ މަސައްކަތް ކުރުމަށް ގަޑިތަކެއް ހަމަޖައްސާ، އެކަން އަންގާފައެވެ. އެގޮތުން އެ މަސައްކަތް ކުރަން ޖެހޭނީ ހެނދުނު 8 އިން ހެނދުނު 11:30 އަށް އަދި މެންދުރުފަހު 3 އިން ހަވީރު 5:30 އަށް ކަމަށާއި ހޯމަ ދުވަހާއި ބުރާސްފަތި ދުވަހަކީ ބަންދު ދެ ދުވަހުގެ ގޮތުގައި ވެސް ކައުންސިލުން ވަނީ ކަނޑައަޅާ، އެކަން އަންގާފައެވެ. އެހެންނަމަވެސް މަސައްކަތަށް އޮންނަ ލޯތްބާއެކު ދޮން ހައްވައަކީ ރަސްމީ ވަގުތުގެ އިތުރުން އެތައް ވަގުތެއް އެ މަސައްކަތުގައި ހޭދަކުރާ މީހެކެވެ.
ދޮން ހައްވަ ބުނީ ރަސްމީ ދުވަސް ދުވަހު ކައުންސިލް އިދާރާއަށް ގޮސް ސޮއިކުރުމަށް ފަހު އޭނާ މަސައްކަތް ފަށަނީ ހެނދުނު 8 ޖަހާއިރު ކަމަށާއި މެންދުރު ގެއަށް ދަނީ 12:30 ނުވަތަ 1 ޖަހާއިރު ކަމަށެވެ. އަދި ހަވީރު 5:30 ގައި މަސައްކަތް ނިންމުމަށް އޮންނަ ނަމަވެސް ބައެއް ދުވަސް ދުވަހު ގެއަށް ދެވެނީ އިރުއޮއްސި 7 ޖަހާ ފަހުން ކަމަށް ދޮން ހައްވަ ވަނީ ބުނެފައެވެ.
ކައުންސިލް އިދާރާއަށް ސޮއިކުރަންދާން ނުޖެހޭ ހުކުރާއި ހޮނިހިރު ދުވަހު އޭނާ މަސައްކަތް ފަށަނީ ހެނދުނު 6:15 ހާއިރެވެ. މުޅި ދުވަހުގެ ބޮޑު ބައެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ހޭދަކުރާ ދޮން ހައްވަ ބުނީ އޭނާ އެންމެ އުފާވާނީ އެ ނޫން ގޮތަކަށް ކުނި މެނޭޖް ކުރެވޭނެ ގޮތެއް ފެންނަ ދުވަހަކުން ކަމަށާއި އެއަށް ވުރެ ފަސޭހަކޮށް ކުނި އަންދާލެވޭނެ ގޮތެއް ހަމަޖެހިގެން ދާނެ ދުވަހަކުން ކަމަށެވެ.
އެ ސަރަހައްދަށް މީހުން އަޅާ ކުނި ވަކި ކުރުމުގައި ވެސް ގިނަ ވަގުތުތަކެއް ހޭދަކުރާ ދޮން ހައްވަ ބުނީ އެ ދުވަހުގެ މެންދުރުވީއިރު 3 ބަސްތާ ދަޅު ވަކި ކުރެވިއްޖެ ކަމަށެވެ. އަދި ދަޅުތައް ނަގަނީ ކުނި އެންދުމަށްފަހު ކަމަށާއި ކުނިތަކާއެކުގައި ހުންނައިރު ދަޅުތައް ނަގަން ވަރަށް އުނދަގޫ ކަމަށް ދޮން ހައްވަ ބުނެއެވެ.
ދޮން ހައްވަ ބުނީ އޭރު ފެންނަން ހުރި ކުނި ފުންޏަކީ އޭގެ ދެ ހަފްތާ ކުރިން އޭނާ މާލެ ދިއުމާ ގުޅިގެން ސާފުނުކުރެވި ހުރި ކުނި ގިނަވުމުން ފެންނަން ހުރި ކުނި ފުނި ކަމަށާއި އެތަން ސާފުކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުންދާ ކަމަށެވެ. އަދި ކުނި އެންދުމަށްފަހު އަޅި ނަގާ، އަޅަނީ ވަކި ސަރަހައްދަކަށް ކަމަށާއި، ދަނޑުހައްދާ މީހުން ގަސް ކާނާގެ ގޮތުގައި ގޯނި ގޯންޏަށް އަޅައިގެން އެ ގެންދާ ކަމަށް ދޮން ހައްވަ ވަނީ ބުނެފައެވެ.
ދޮން ހައްވަ މަސައްކަތަށް ނިކުތީ ރިސޯޓުން، އެތަނުގައި 9 އަހަރު!
ދޮން ހައްވައަކީ ފިސާރި އަންހެނެކެވެ. ނުކެރޭކަށް ނުކޮށް ދޫކޮށްލާނެ މަސައްކަތެއް ނެތެވެ. މީގެ 17 އަހަރު ކުރިންމ 2007 ވަނަ އަހަރު ދޮން ހައްވަ މަސައްކަތުގެ މައިދާނަށް ނިކުތީ އެ އަތޮޅު އަލިދޫ ރިސޯޓުންގެ ކައްކާއަކަށެވެ. އޭރު ލަންކާ ބަޔަކު ހިންގަމުންދިޔަ އެ ރިސޯޓުގައި ދޮން ހައްވަ ވަނީ 9 އަހަރު މަސައްކަތް ކޮށްފައެވެ.
އެއަށްފަހު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ ރިސޯޓު ހިންގަމުން ދިޔައިރުވެސް ދޮން ހައްވަ ވަނީ އެ ރިސޯޓުގައި މަސައްކަތް ކޮށްފައެވެ. އެ މަސައްކަތް ދޫކޮށްލަން ޖެހުނު ގޮތް ކިޔައިދެމުން ދޮން ހައްވަ ބުނީ ރިސޯޓުގައި އުޅެނިކޮށް އެއް ދުވަހު ފާހާނާއަށް ވެއްޓި އަތް ބިންދައިގެން ދިޔަ ކަމަށާއި އޭގެ މާ ގިނަ ދުވަސް ތަކެއް ނުވެ އެ ރިސޯޓުވެސް ބަންދުކޮށްފި ކަމަށެވެ.
ދޮން ހައްވަ ބުނީ އަތް ބިނދިގެން އޭނާ ރަށަށް ދިޔައިރުވެސް އެ ރިސޯޓު އޮތީ ވަރަށް ދަށްވެފައި ކަމަށާއި އޭރު މުވައްޒަފުންނަށް މުސާރަ ނުދޭތާ 6 މަސްވެފައިވާ ކަމަށެވެ. މުސާރަ ނުލިބި ގިނަ ބަޔަކު ކެނޑިގެން ދިޔަ ކަން ފާހަގަކުރަމުން ދޮން ހައްވަ ބުނީ ދިވެހި އަންހެނަކަށް އެތަނުގައި އޭނާ އެކަނި މަސައްކަތް ކުރި ދުވަސްތަކެއްވެސް ދިޔަ ކަމަށެވެ.
ރިސޯޓަކީ ދޮން ހައްވަ މަސައްކަތުގެ މައިދާނަށް ނުކުތް ފުރަތަމަ ތަން ކަމަށް ވާއިރު އޭނާ ބުނީ އޭގެ ކުރިން އެއްވެސް މަސައްކަތެއްކޮށް ނޫޅޭ ކަމަށެވެ. އަދި ދޮން ހައްވަ ބުނީ އޭރު އެއްވެސް މަސައްކަތެއް ނުކުރީ ފިރިމީހާ ނުގަބޫލުވެގެން ކަމަށާއި އެހެންނަމަވެސް ކައިވެނި ރޫޅި ތިން މަސް ވީތަނުން އޭނާ ރިސޯޓަށް ދިޔަ ފަހުން މެދުކެނޑުމެއް ނެތި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ރިސޯޓުގެ ވަޒީފާ ދޫކޮށް ރަށަށް ބަދަލުވިފަހުން ފުރަތަމަ ދޮން ހައްވަ އުޅުނީ ވަގުތީ ގޮތުން މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާގައެވެ. އެއަށްފަހު އިޖުތިމާއީ ސަރަހައްދު ކުނި ކެހުމުގެ ވަގުތީ ވަޒީފާގައި އެއް އަހަރު ވަންދެން އުޅުމަށްފަހު ގިނަ އަހަރުތަކެއް ވަންދެން ދުވަހު މުސާރައަށް ކުނި ކެހުމުގެ މަސައްކަތުގައި ދޮން ހައްވަ ވަނީ އުޅެފައެވެ.
އެއަށްފަހު އަތް އައްސިވާތީ އިންޑިއާއަށް ގޮސް ފަރުވާ ހޯދައިގެން އައުމަށްފަހު ދޮން ހައްވަ ފެށީ އޭނާ މިހާރު ކުރަމުން އެދާ މަސައްކަތެވެ. ދޮން ހައްވަ ބުނީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ނޫނަސް އެފަދަ ބުރަ މަސައްކަތްތައް އޭނާ ވަރަށް ކުރާ ހިތްވާ ކަމަށާއި އެ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ދޮން ހައްވަ ބުނީ އޭނާ މަސައްކަތް ފެށިއިރު ވަރަށް ދުރަށް ކުނިތައް އޮތް ކަމަށެވެ. އަދި މިހާރު އެ ސަރަހައްދު ނޮޅާ ސާފުކޮށްފައިވާ ކަން އޭނާ ފާހަގަކުރިއެވެ.
މިއީ ބުރަ އަދި ނުރައްކާވެސް މަސައްކަތެއް!
ދޮން ހައްވަ ބުނީ ކުނީގެ ތެރޭގަައި ހުންނަ ލައިޓަރު ފަދަ ތަކެތި ބައެއް ފަހަރު ގޮވާ ކަމަށާއި ދާދިފަހަކުން ޓޮމާޓޯ އާއެކީ އޮތް ސޯސްފުޅިއެއް ގޮވާ އެ ފުޅި ފަޔާއި ގައިގާ ޖެހި، ފިހިގެން ފޮޅުވެސް ނެގި ކަމަށެވެ. އަދި ސެންޓް ފުޅިއެއް ގޮވާ، ބުރަކަށީގައި ޖެހުނު ތަންތަންވެސް ވަރަށް ގިނަ ދުވަސް ތަކެއް ވަންދެން ހުރި ކަމަށާއި މިހާރުވެސް އެ ލަކުނު ހުންނާނެ ކަމަށް ދޮން ހައްވަ ބުންޏެވެ.
މި ފަދަ މަސައްކަތަކީ ހަޑި މަސައްކަތެއް ކަމަށް ދެކޭ މީހުންނަށް ދޮން ހައްވަގެ މެސެޖް!
ދޮން ހައްވަ ބުނީ މި މަސައްކަތް އަންހެނުންނަށް ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ކޮންމެ ކަމެއްގައި ވެސް އޮންނާނީ އެ މީހާގެ ކެރުމާއި ހީވާގިކަން ކަމަށެވެ. އަދި މަސައްކަތަށް ހިތައިގެން އުޅޭ މީހަކަށް އެކަމަށް ޝައުގުވެރި ވެއްޖެނަމަ ކޮންމެ މަސައްކަތެއްވެސް ކުރެވޭނެ ކަމަށް ދޮން ހައްވަ ބުނެއެވެ.
ދޮން ހައްވަ ބުނީ ތަރައްގީވަމުން އަންނަ ޒަމާނުގައި ބޭނުންވަނީ ފައިސާ ކަމަށާއި ފައިސާ ލިބޭކަމަށް ވަނީ ނަމަ އަންހެނެއް އަދި ފިރިހެނެއް ފާހަގަ ނުކޮށް ކޮންމެ މަސައްކަތެއްވެސް ކުރެވޭނެ ކަމަށެވެ.
ދޮން ހައްވައަކީ ފިސާރި ކެރޭ އަންހެނުންގެ ތެރޭގައިވެސް ފާހަގަކޮށްލެވޭ އަންހެނެކެވެ. 60 ގެ އަހަރުތައް ގުނުމަށް ތައްޔާރު ވެފައި ވާއިރު އޭނާގެ އަޒުމް ކުޑަކޮށްވެސް ނުގުޑައެވެ. އެ އުމުރުގައި އެ ފަދަ ބުރަ މަސައްކަތެއް ކުރުމުގައިވެސް އޭނާ ހުރީ އެންމެ ފިޔަވަޅެއް ފަހަތަށް ޖެހި، ފަސް އެނބުރި ބަލާލާ ގޮތަކަށްވެސް ނޫނެވެ. ދޭހާ އައްވާއި، ވެހޭހާ ވާރެއެއްގައި އެ މަސައްކަތް، ދޮން ހައްވަ އެ ކުރަނީ މުޅި ބާރަށުގެ ރައްޔިތުންނަށްޓަކައެވެ. ދޮން ހައްވައަކީ ހުރިހާ އަންހެނަށްހުރި ނަމޫނާއެކެވެ.
ސުކޫލު ތަކުގާ މި އުޅޭ ދައްތަ މެންނަކީ ވެސް މިފަދަ އެތަށް އެތަށް ބުރަ މަސައްކަތް ތަކެއް ކުރާ ބައެއް .
ސާބަސް ،