އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި މިތުން ޗަކްރަބޯޓީ އަށް ސްޓްރޯކެއް ޖެހި ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އުމުރުން 73 އަހަރުގެ މިތުންގެ މެއަށް ތަދެއް އަރައިގަތުމުން ކޮލްކަތާގައި ހުންނަ އެޕޯލޯ ހޮސްޕިޓަލަށް ގެންދިޔުމުން ހާމަވީ އެކްޓަރަށް ސްޓްރޯކެއް ޖެހިފައިވާކަމަށެވެ. ޑަކްޓަރުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ މިތުން ވަނީ އިސެމިކް ސެރެބްރޯވަސްކިއުލާ ސްޓްރޯކް އަށް ޑައިގްނޯސް ކޮށްފައެވެ. އަށްޑިހަ އަދި ނުވައިދިހައިގެ އަހަރުތަކުގައި މަޝްހޫރުވި އެކްޓަރު މިތުންގެ ހާލަތު މިވަގުތު ރަނގަޅުކަމަށް ވެސް ޑަކްޓަރުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.

ފިލްމީދާއިރާ އަށް ކުޑަކޮށް ދުރަށްޖެހިލުމަށްފަހު މިތުން މިހާރު ގިނަ ވަގުތު ހޭދަކުރަނީ ސިޔާސީ މައިދާނުގައެވެ. އޭނާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ނިމިިޔަ ދައުރުގެ މެންބަރެކެވެ. އެކްޓަރު މިތުން ކުޅުނު ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޑިސްކޯ ޑާންސާ"، "މުޖުރިމް" އަދި "ގުންޑާ" ހިމެނެއެވެ.

މިތުން ބޮލީވުޑަށް ތައާރަފްވީ 1976 ވަނަ އަހަރުއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދައި ޑައިރެކްޓަރުންގެ އިތުބާރު ހޯދާފައެވެ.