ވޯލްޑް ގަވަމެންޓް ސަމިޓް 2024 ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުބާއީ އަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީ ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓާ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިމަހުގެ 12 އިން 14 އަށް ބާއްވާ ވޯލްޑް ގަވަމެންޓް ސަމިޓް 2024ގެ ތީމަކީ "ޝޭޕިންގް ފިއުޗާ ގަވަމަންޓްސް" އެވެ.

މި ސަމިޓުގައި ސަރުކާރު ތަކުންނާއި ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ޕްރައިވެޓް ސެކްޓާ އަދި އެކި ދާއިރާތަކަށް ހާއްސަ ލީޑަރުން ބައިވެރިވެ މުސްތަގްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ޔޫއޭއީއަށް ފުރާވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

މި ސަމިޓްގައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ސަމިޓަށް ވަޑައިގަންނަވާ ބައެއް އިއްޒަތްތެރިންނާއެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ފެބްރުއަރީ 13 ވަނަ ދުވަހު ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައިވެސް ރައީސް ބައިވެރިވެވަޑައިގެން ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.