ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް އުނގޫފާރު ފަޅުން ހިއްކުނު އެންމެ ބޮޑެއްކޮށް ހިއްކަދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅޫވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ. ރ.އުނގޫފާރު، ދުލިހުރާގޭ، އަޙްމަދު ޝިޔާމް ވަނީ އެރަށު ބިންހިއްކުމުގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ.

ޝިޔާމް ބުނި ގޮތުގައި ރިޔާސީ ކެމްޕެއިން ދުވަސްވަރު ރައީސް އެ ރަށަށް ވަޑައިން ރަށުގެ ފަޅު ހިއްކެއް އޮތް އެންމެ ބޮޑަށް ހިއްކާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް ބިން ހިއްކަން ހަމަޖެހިފައިވަނީ ކުރިން ވެސް ހިއްކަން ނިންމާފައިވާ ވަރަށް ކަމަށް ޝިޔާމް ބުނެފައި ވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާޏު ވެ ވަޑައިގެންނެވި ވައުދެއްނަމަ އެ ގޮތަކަށް އެ ވައުދެއް ފުއްދަވާދެއްވާނެ ކަމަށެވެ. އެފަދައިން އުނގޫފާރުގެ ރައްޔިތުންނަށްވެސް އެ ރަށުގެ ފަޅު ހިއްކޭނެ އެންމެ ބޮޑަކަށް ހިއްކަވާދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި އަދި އެފަދައިން އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު ސްކޯޕްގައި އޮތް ވަރަށް އަދި 3 ހެކްޓަރު އިތުރުކޮށްގެން ހިއްކީމަ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ. އޭރުން ފަޅުން ހިއްކެން އޮތް އެންމެ ބޮޑަށް އެ ހިއްކުނީ"

އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރީ މިދިޔަ 2021 ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހުއެވެ. ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 240 ދުވަސްތެރޭ ނިންމާގޮތަށް، 75.3 މިލިއަން ރުފިޔާ އަށެވެ.