ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން، ދިވެހި ރައްޔިތުންނާ މުހާތަބުކުރައްވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދެއްކެވި ވާހަކަފުޅުތަކުގެ ފޮތް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.
"ދިވެހީންގެރާއްޖެ" މި ޝިއާރުގެ ދަށުން، ޕީޕީއެމް-ޕީއެންސީއިން ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު ވަނީ 53 ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތް ކުރައްވާފައެވެ. ތަފާތު އެކި އިންތިހާބީ ހަރަކާތްތަކުގައި، ދިވެހި ގައުމުގެ ހާލަތާއި ކުރިމަގާ މެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، 205 ފަހަރު ވާހަކަފުޅު ދައްކަވާފައި ވެއެވެ.
ރައީސް އޮފީހުން ބުނީ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ދެއްކެވި ހުރިހާ ވާހަކަފުޅުތަކާއި، ވެވަޑައިގަންނަވާ ހުރިހާ ވައުދުފުޅު އެއް ފޮތެއްގެ ސިފައިގާ ޝާއިއިކޮށް އާންމުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށެވެ. އެގޮތުން 1024 ސަފުހާގެ މައްޗަށް އެކުލެވޭ މި ފޮތުގައި، ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ކޮންމެ ވާހަކަފުޅެއްގައި ވެވަޑައިގެންނެވި މުހިންމު ވައުދުތައް ވަކީން ފާހަގަކޮށްފައި ވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކާއި، ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ފޮޓޯތައް ވެސް އެ ފޮތުގައި ހިމެނެއެވެ.
މިއީ، ދިވެހިރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކާއި، އިންތިހާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގައި އެކުލަވައިލައްވާ އާންމުކޮށް ޝާއިއިކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ، ދިވެހި ގައުމުގެ އެންމެ މަތީވެރިއަކު، ގައުމާމެދު ގެންގުޅުއްވާ ތަސައްވުރާއި ވިސްނުންފުޅު ހާމަކުރައްވައި މިހާތަނަށް މިފަދަ ޝާމިލް، ބޮޑު ފޮތެއް ނެރުއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގެ މި ލިންކުން މިފޮތުގައި ހިމެނޭ ވާހަކަތައް ވަކިވަކިން ބަލައިލެވޭނެއެވެ. މީގެއިތުރުން މުޅި ފޮތް ޕީޑީއެފް ފޯމެޓްގައި ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. އަދި މިފޮތް ޗާޕުކޮށް، މި މަހުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް މަދަރުސާތަކަށާއި، ލައިބްރަރީތަކަށް ހަދިޔާކުރުމަށް ހަމަޖހެިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.