އިންޑިއާގައި ނަސްލީ ތަފާތު ކުރުމުގެ ތެރެއިން އެކިއެކި ދަރިކޮޅުތައް ގިންތި ކުރުމާއި އެކިއެކި ކަންކަމުގައި އިސްތިސްނާ ލިބޭ ސަގާފަތަކީ މިއަދާ ހަމައަށް ވެސް ދެމިގެން އަންނަ ސަގާފަތެކެވެ. އެގޮތުން ދަށް ފަންތީގެ ދަރިކޮޅުތަކަށް ނިސްބަތްވާ މީހުންނަށް އިހާނެތިކޮށް ހިތާ ލާއިންސާނީ އަނިޔާ ދިނުމަކީ އާންމު ކަމެކެވެ.
އަދި އެފަދަ ދަރިކޮޅަކުން އަންނަ މީހަކަށް އިސް މަގާމަކަށް ދެވުމަކީ ވަރަށް ނާދިރު ހާލަތަށް ވެފައި އޮންނަ އިރު، މޯދީ އަކީ އެގޮތަށް އިންޑިއާގައި ކަނޑައަޅާފައި އޮންނަ 'އަދާ ބެކްވާޑް ކްލާސް' [އޯބީސީ] އަށް ނިސްބަތްވާ ދަރިކޮޅެއްގެ ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާ ހައްދަވާފައި ވަނީ ދޮގެއް ކަމަށް އިދިކޮޅު ކޮންގްރެސްގެ ލީޑަރު ރާހޫލް ގާނދީ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، މޯދީ ނިސްބަތްވެވަޑައިގަންނަވަނީ 'ތެލި ކޮމިއުނިޓީ ނުވަތަ ދަރިކޮޅު' އަށް ކަމަށާއި އެ ދަރިކޮޅަކީ އޯބީސީ ކެޓަގަރީގެ ދަރިކޮޅެއް ކަމަށް ނިންމާފައި ވަނީ މޯދީގެ ބީޖެޕީގެ ވެރިކަމުގައި 2000 ވަނަ އަހަރު ކަމަށެވެ.
"އަޑުއަހާ، ކަލޭމެނާއި މުޅި ދުނިޔެ މޯދީ ޖީ މޮޔަހައްދަނީ، އޭނާ އުފަންވީކީ އޯބީސީ ގްރޫޕަކަށް ނޫން، އެއި ތެލި ދަރިކޮޅުގެ މީހެއް، އެކަން އަހަންނަށް އެނގުނު ގޮތް އިނގޭތަ، ކޮންމެހެން އުފަންދުވަހުގެ ސެޓްފިކެޓެއް ބޭނުންވާ ކަމެއް ނޫން އެއީ، މޯދީ އަކީ އޯބީސީ މީހެއް ނޫންކަން އެނގެނީ އޭނާ ދަނޑުވެރިންނާ ސަލާމް ނުކުރާތީ، އާންމު މަސައްކަތްތެރިން [ލޭބަރުން] އާ ސަލާމް ނުކުރާތީ، އޭނާ ސަލާމް ކުރަނީ އަދާނީ ޖީ އާ އެކަނި"
ރާހޫލް ވިދާޅުވީ، އެކަހެރިކޮށްފައި ވާ ދަރިކޮޅުތަކުގެ އަޑު މޯދީ ނާއްސަވާނެ ކަމަށާއި މުޅި އުމުރު ހޭދަ ކުރައްވަމުން އެގެންދަވަނީ އޮޅުވާލެއްވުމުގައި ކަމަށެވެ.
ރާހޫލްގެ ކޮންގްރެސް ހިމެނޭހެން އިންޑިއާގެ އިދިކޮޅު 28 ޕާޓީއަކުން އުފައްދާފައިވާ "އިންޑިއާ" އެލަޔަންސުން ކުރިއަށް އޮތް އިންތިހާބަށް ކުރިއަށް ނެރޭ އެއް ޝިއާރަކީ އެކަހެރި ކޮށްފައި ވާ އެފަދަ ދަރިކޮޅުތައް ހިމަނާ އެމީހުންގެ އަޑު އިއްވައިދޭނެ ކަމުގެ ޝިއާރުތަކެވެ. އެހެން ކަމުން އެފަދަ ދަރިކޮޅުތަކުގެ އަޑުއިއްވައި ދޭނީ ކޮންގްރެސް އިން ކަމަށް ވިދާޅުވެ ރާހޫލް ވަނީ ވާހަކަ ދައްކަވާފައެވެ.
ކުރިއަށް އިންޑިއާގެ އާންމު އިންތިހާބުގެ ކެމްޕެއިން އެކި ސަރަހައްދުތަކުގައި ފެށިގެން ކުރިއަށް ދާއިރު ރާހޫލް މިހާރު ގެންދަވަނީ، "ބާރަތް ޖޯޅޯ ނަޔޭ ޔަތްރާ" ގެ ނަމުގައި 66 ދުވަހުގެ ތެރޭގައި 15 ސްޓޭޓަކަށް ހިންގަވާ 6700 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތު ކުރެއްވުމުގެ ކެމްޕެއިނެއްގައެވެ.
މީގެ ކުރިން ރާހޫލް ހިންގެވި 'ބާރަތް ޖޯޅޯ ޔަތްރާ' ކެމްޕެއިންގައި ވެސް އޭނާ މޯދީ އަށް އަމާޒު ކޮށް ވާހަކަތަކެއް ދެއްކެވުމުން، މޯދީގެ އަބުރުފުޅަށް ހުތުރު އެރުވި ކަމަށް ނިންމާ 2 އަހަރަށް ޖަލަށް ވެސް ލިޔެވެ. އެފަހަރު ރާހޫލް ސުވާލު އުފައްދަވާ ވިދާޅުވީ، ފަހު ނަމަކަށް މޯދީ ކިޔާ އެންމެންނަކީ "ވަގުން" ކަމަށެވެ. އެކަމާ ދެކޮޅަށް ބީޖޭޕީގައި ހަރަކާތްތެރިވާ 'މޯދީ' ކިޔާ ލޯޔަރަކު ދައުވާ ކުރުމުން، އެއީ ބޮޑުވަޒީރު މޮދީގެ ހައިބަތާއި އިއްޒަތަށް އުނިކަން ދިނުން ކަމަށް ކޯޓުން ނިންމާ ޖަލަށް ލީއެވެ. އެމައްސަލަ ރާހޫލް އިސްތިއުނާފު ކުރުމުން ކަފާލާތުގެ ދަށުން އޭނާ މިހާރު ވަނީ މިިނިވަން ވެފައެވެ.