އިންޑިއާގައި އަންނަ އަހަރު އޮންނަ އާންމު އިންތިހާބުގައި މިހާރުގެ ރައީސް ނަރެންދްރަ މޯދީ ބަލިކުރަން ގުޅިފައި ވާ ޕާޓީތަކުން އެކުގައި ވާދަކުރަން ނިންމައިފިއެވެ.

ޖުމްލަ 28 ޕާޓީ ހިމެނޭ ކޯލިޝަނުން އެގޮތަށް އެއްބަސްވެ އާންމު ކުރި ބަޔާނެއްގައި ބުނީ އަންނަ މެއި މަހު ބޭއްވުމަށް ތާވަލު ކޮށްފައި ވާ އިންތިހާބުގައި ޕާޓީތަކުން ވާދަކުރާނެ ސްޓޭޓްތަކާއި ޕާޓީތަކުން ވާދަކުރާނެ އަދަދުތައް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށާއި، އެއްބަޔަކު ވާދަކުރާ ތަނަކަށް އަނެއް ބަޔަކު ވާދަ ނުކޮށް ބަހާލައިގެން ކުރިއަށް ގެންދަން އެއްބަސްވެފައި ވާ ކަމަށެވެ. އޭގެ ބޭނުމަކީ، މޯދީ ތަމްސީލު ކުރައްވާ ބީޖޭޕީ ބަލިކުރުން ކަމަށް ވެސް ބުނެފައި ވެއެވެ.

އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރުން ކަމުގައިވާ ސޯނިއާ ގާނދީއާއި ދަރިކަލުން ރާހޫލް ގާނދީ، ޝަރަދް ޕަވާރް، އަރްވިންދް ކެޖްރިވާލް، ސިތްރާމް ޔެޗްރީ އާއި ލަލޫ ޕްރަސާދު ޔާދަވް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ނިންމި އަނެއް ކަމަކީ، ބީޖޭޕީން ވާދަ ކުރާ ކޮންމެ ގޮނޑިއަކަށް ކޯލިޝަނުގެ މެންބަރަކު ނެރުމެވެ.

މިދިޔަ ޖޫން މަހު އުފެއްދި އެ ކޯލިޝަނުން އަންނަނީ މޯދީގެ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތާއި ވަޒީފާނެތް އާބާދީ ބޮޑުވާ މައްސަލައާއި އެހެނިހެން ދާހިލީ މައްސަލަތަކާއި އިންޑިއާގައި ދިރިއުޅޭ މުސްލިމުންނާ މެދު ގެންގުޅޭ ތަފާތު ކުރުންތަކުގެ މައްސަލައިގައި ބީޖޭޕީއަށް ފާޑުކިޔަމުންނެވެ.

މި ކޯލިޝަނާ ގުޅޭ ގޮތުން ރާހޫލް ވިދާޅުވީ، އެއީ މުޅި އިންޑިއާގެ 60 ޕަސެންޓް އާބާދީކަމަށާއި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބެއްޖެ ނަމަ ބީޖޭޕީއަށް ކާމިޔާބުވާނެ ހަމަ އެއްގޮތްވެސް ނޯންނާނެ ކަމަށެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި މި 28 ޕާޓީ އެކުވެ އިންތިހާބުގައި ވާދަކުރިޔަށް މޯދީ ބަލި ކުރުމަކީ އަދި ފަސޭހަ ކަމަކަށް ނުވާނެއެވެ. އިންޑިއާގެ 28 ސްޓޭޓެއްގެ ތެރެއިން 10 ސްޓޭޓެއްގެ ކޮންޓްރޯލް މިހާރުވެސް އޮންނަނީ ބީޖެޕީއަށް ކަމަށް ވާއިރު މިވަގުތު އިންޑިއާގައި ހުރި އެންމެ މަގުބޫލު ލީޑަރަކީ މޯދީއެވެ.

އަދި މިވަގުތު އޮތް 543 ގޮނޑީގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެ [ލޮކް ސަބާ] ގައި 3 ޕާޓީއެއް ހިމެނޭ ކޯލިޝަނާއެކު ބީޖޭޕީން 55 ޕަސެންޓް ކޮންޓްރޯލް ކުރެއެވެ.

2014 ގައި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ފަހު އައި ކޮންމެ އިންތިހާބެއް އޭނާ ކާމިޔާބު ކުރައްވާފައި ވާއިރު އަންނަ އަހަރު އޮންނަ އިންތިހާބަކީ ވާދަވެރިކަން ބޮޑު އިންތިހާބަކަށް ވާނޭކަމަށް ވެސް މުރާސިލުން ބުނެއެވެ. އަދި އެ އިންތިހާބުގައި ބޮޑުވަޒީރު ކަމަށް މޯދީ ވާދަ ކުރައްވާނެ އިރު އިދިކޮޅު ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ ރާހޫލް ކަމަށްވެސް މުރާސިލުން ބުނެއެވެ.