ކާކުކަން ނޭނގޭ ގޮތަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން އިންޑިއާގެ ސްޕްރީމް ކޯޓުން މިއަދު ހުއްޓުވި އިރު އާންމުވި ބައެއް ތަފާސް ހިސާބުތަކުން ދައްކަނީ އިދިކޮޅު 4 ޕާޓީ އެއްކޮލުމުން ނުލިބޭހާ ބޮޑު އަދަދެއް ބީޖެޕީއަށް ލިބިފައި ވާ ކަމަށެވެ.

ނިމިދިޔަ 2022 އަދި 2023 ގެ ހިސާބުތަކަށް ބަލާއިރު ބީޖެޕީއަށް 720 ކްރޯޑް ރުޕީސް [ގާތްގަނޑަކަށް 90 މިލިއަން އެމެރިކާ ޑޮލަރު" އެހީގެ ގޮތުގައި ލިބިފައި ވެއެވެ. އިދިކޮޅު ކޮންގްރެސް އާއި އާމް އާދަމި ޕާޓީ، ސީޕީއައި-އެމް އަދި ނެޝަނަލް ޕީޕަލްސް ޕާޓީ އެއްކޮށް ލުމުންވެސް އެވަރު ހަމަ ނުވެއެވެ.

20 ހާސް ރުޕީސް އަށް ވުރެ މަތިން ސިޔާސީ ޕާޓީތަކަށް އެހީގެ ގޮތުގައި 12،167 ފަރާތަކުން 850 ކްރޯޑް ރުޕީސް ހަދިޔާ ކޮށްފައި ވާ ކަމަށް ވެސް ދައްކައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން 20 ހާސް ރުޕީސް އަށް ވުރެ މަތިން ހަދިޔާއެއް ލިބިއްޖެ ނަމަ އެ ލިބުނު މިންވަރެއް ދަފްތަރު ކުރަން ޖެހެއެވެ. ނުވަތަ ހާމަކުރަން ޖެހެއެވެ. އެގޮތުން ބަލާއިރު ބީޖޭޕީއަށް 7،945 ފަރާތަކުން 719.85 ކްރޯޑް ރުޕީސް ދީފައި ވެއެވެ. ކޮންގްރެސް އަށް 894 ފަރާތަކުން 79.9 ކްރޯޑް ދީފައި ވެއެވެ.

ކާކުކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ޕާޓީތަކަށް ދިނުން ސްޕްރީމް ކޯޓުން ހުއްޓުވި އިރު ކޮންގްރެސް ގެ ލިޑަރު ރާހޫލް ގާނދީ ވިދާޅުވެފައި ވަނީ، ސްޕްރީމް ކޯޓުގެ ހުކުމުން ސާފުވީ، ނަރެންދްރަ މޯދީގެ ކޮރަޕްޓް ސިޔާސަތާއި ރިޝްވަތު ނެގުމަށް އިކްލްޓްރޯނިކް ވަސީލަތްތައް [ބޭންކްތައް] ބޭނުން ކުރަމުން ގެންދާ ކަމަށެވެ.

ސްޕްރީމް ކޯޓުން ބުނީ، އެއީ ގާނޫނު އަސާސީއާވެސް ހިލާފު އަމަލެއް ކަމަށާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނާއި އިންކަން ޓެކްސްގެ ގާނޫނާއި އަދި ފައިނޭސް އެކްޓާވެސް ހިލާފު އަމަލެއް ކަމަށެވެ.

އެހެންކަމުން ހަމަ މިވަގުތުން ފެށިގެން ސިޔާސީ ޕާޓީތަކަށް ނުވަތަ ސިޔާސީ ފަރާތްތަކަށް ބޭންކްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުން ހުއްޓާލަން ވަނީ އަންގާފައެވެ. އަދި މިހާތަނަށް އެގޮތަށް ފައިސާ ލިބިފައިވާ ސިޔާސީ ޕާޓީތަކުގެ ތަފްސީލު، އަންމަ މާޗް މަހުގެ 6 ގެ ކުރިން ހުށަހެޅުމަށް ސްޓޭތް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މައްޗަށް ވެސް ވަނީ އަމުރު ކޮށްފައެވެ. އަދި އޭގައި ބޮންޑް ގަންނަ ފަރާތައި، ވިއްކާ ފަރާތައި ތާރީހު ފަދަ ހުރިހާ މައުލޫމާތެއް އެނގެން ހުންނަން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެގޮތުން އިލެކްޓޯލަބް ބޮންޑް ނުވަތަ މާލީ އެހީ ލިބިފައިވާ ފަރާތްތައް ހާމަ ކުރާ އިރު އެ ފައިސާ ނެގި ފަރާތްތައްވެސް އެނގެން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

އަދި މި މައުލޫމާތު އެއްކޮށް މާޗް 13 ގެ ކުރިން އެގައުމުގެ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައި ހާމަ ކުރަން ވެސް އެ ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އަމުރުގައި އިތުރަށް ބުނެފައި ވަނީ، ބޭންކް މެދުވެރިކޮށް އެގޮތަށް ލިބިފައިވާ މާލީ އެހީ، އެންކޭޝް ނުކޮށް [ފައިސާ ނުނަގާ ހުރުން] ހުރި ފަރާތްތަކުން [ޕާޓީތަކުން] އެފައިސާ ހަދިޔާ ކުރި ފަރާތަކަށް އަނބުރާ ދިނުމަށެވެ.