އިނގިރޭސީންގެ އަތްދަށުގައި އިންޑިއާ އޮތް ދުވަސްވަރުން ފެށިގެން އެގައުމަށް ދީފައި އޮންނަ ނަން 'އިންޑިއާ' ގެ ބަދަލުގައި 'ބާރަތު' ޖައްސަވައިގެން ނިމިދިޔަ ޖީ20 ގައި މޯދީ ކުޅުއްވީ ޑްރާމާއެއް ކަމަށާއި ބޭނުމަކަށް ވީ އަސްލު މައްސަލަތަކުގެ ފޯކަސް އަނބުރާލުން ކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރު މޯދީއަށް ފާޑުވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ އިގްތިސޯދުތަކުގެ ވެރިންގެ ބައްދަލުވުން އިއްޔެ ނިމިފައި ވާ އިރު، އެ ބައްދަލުވުންތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތަމްސީލު ކުރެއްވުމަށް މޭޒުމަތީގައި ބަހައްޓާފައި ހުރި ޕްލޭކާޑުގައި ޖަހާފައި އޮތީ 'ބާރަތް' އެވެ. ބާރަތަކީ ސާންސްކްރިތް ބަހުން އިންޑިއާއަށް ކިޔާ ނަމެކެވެ.

މިހާރު ޔޫރަޕަށް ކުރައްވާ ދަތުރެއްގައި އުޅުއްވާ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހޫލް ގާނދީ ވިދާޅުވީ، ކޮންމެ ފަހަރަކު ގައުމުގައި ހުންނަ ބޮޑެތި މައްސަލަތައް ފެންމަތި ވާ ވަގުތުތަކުގައި މޯދީ އެފަދަ ކޮންމެވެސް ޑްރާމާއެއް ކުޅުއްވާ ކަމަށާއި، މިފަހަރު އެކަން ކުރެއްވީ، ބިލިއަނަރު އަދާނީ އާ ގުޅޭ ގޮތުން ދާދިފަހުން ފެންމަތިވި ހިޔާނާތާއި ޓެކްސް އަށް މަކަރު ހެދުމާއި މަނީލޯންޑަރިންގެ މައްސަލަތަކުގެ ވާހަކަ އޮއްބާލުމަށް ކަމަށެވެ.

އަދާނީ ގްރޫޕަކީ އިންޑިއާގައި އެއާޕޯޓު ތަކާއި، ކަނޑުގެ ބަނދަރުތަކާއި ރޭލްވޭ އޮޕަރޭޝަންތަކުގެ އިތުރުން އެތައް ހާސް ވިޔަފާރިއެއް ހިންގާ ދުނިޔޭގެ 3 ވަނަ އަށް އެންމެ މުއްސަނދި މަހުޖަނެއެވެ. އޭނާ އަކީ މޯދީގެ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރާ މޯދީގެ ގާތް އެކިވެރިއެއްވެސް މެއެވެ.

އިންޑިއާގެ އިދިކޮޅު ފަރާތްތަކުން އަދާނީގެ މައްސަލަތައް ފެންމަތިކޮށް މައްސަލަ މަޖިލީހަށް ވެސް ވައްދާ ހޫނު ބަހުސްތައް ކުރަމުން ދާ އިރު މޯދީގެ 'ބާރަތު' އާ އެކު މިހާރު އިންޑިއާގެ ސިޔާސީ މަސްރަހުގައި ގަދަވެފައި ވަނީ އިންޑިއާގެ ނަން ބަދަލުކުރާ ވާހަކައެވެ.

ރާހޫލް އިތުރަށް ވިދާޅުވީ، މޯދީ މިހާރު އެ އުޅުއްވަނީ ޕެނިކް ވެގެން ހަދާނެ ގޮތް ހުސްވެގެން ކަމަށާއި އިދިކޮޅު 28 ޕާޓީއެއް ގުޅިގެން އަންނަ އާންމު އިންތިހާބުގައި ވާދަކޮށް މޯދީ ބަލިކުރާނެ ކަމަަށެވެ. އެ ޕާޓީތަކުން އުފެއްދި އެލަޔަންސަށް ކިޔަނީ އިންޑިއަން ނެޝަނަލް ޑިވެލޮޕްމަންޓަލް އިންކްލޫސިވް އެލަޔަންސް 'އިންޑިއާ' އެވެ. މިއީވެސް އިންޑިއާގެ ނަމުގެ ބަދަލުގައި މޯދީ 'ބާރަތް' ބޭނުން ކުރެއްވި އެއް ސަބަބެވެ.