އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި އިއްޔެ ހިންގި ހަމަނުޖެހުން ފުލުހުން ބަލަން ފަށައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުގައި ބައްދަލުކުރީ ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. ކުޑަހެންވޭރު ކުޅުންތެރިއަކާއި ވިކްޓަރީގެ ކުޅުންތެރިއަކާ ދެމެދު ހިނގި ހަމަނުޖެހުމަކާ [ޖެހުނީ ކޮން މައްސަލައެއްކަން މުޅިން ސާފެން ނުވޭ] ގުޅިގެން ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން އޮފިޝަލުންވެސް ވަނީ ދަނޑަށް އަރާފައެވެ.

މި ހަމަނުޖެހުމުގެ ތެރެއިން މީހަކު ވަނީ ވިކްޓަރީގެ ކޯޗު ސޮބާހުގެ މޫނުމަތީ ގޮށްމުށުން ޖަހައި އޭނާގެ އަނގަމަތި ފަޅާލާފައެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް ހިނގި މި ހަމަނުޖެހުމުގެ ސަބަބުން މެޗު އިތުރަށް ކުރިއަށް ނުގެންދެވުމާއެކު މެޗު ވަނީ ހުއްޓާލާފައެވެ. އަދި މެޗާ ގުޅޭ ނިންމުމެއް މުބާރާތުގެ ކޮމިޓީން ނިންމާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައި ނުވެއެވެ.

1-3 ގެ ނަތީޖާއަކުން ވިކްޓަރީ މެޗުގެ ލީޑުގައި އޮއްވާ ހިނގި މި ހަމަނުޖެހުމުގެ ސަބަބުން މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް އެހީތެރިވުމަށް އިތުރު ފުލުހުންވެސް ވަނީ ސްޓޭޑިއަމަށް ހާޒިރުވެފައެވެ.

އެ މެޗުގައި ވިކްޓަރީއިން ވަނީ ފުރަތަަމަ ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖަހާފައެވެ. މި ދެ ގޯލް އެ ޓީމަށް ޖަހައިދީފައި ވަނީ އެ ޓީމުގެ މުހައްމަދު އުމެއިރު އަދި ފާރޫކް ހައިދަރޯފްއެވެ. ކުޑަ ހެންވޭރަށް ޖެހުނު ލަނޑު ކާމިޔާބުކޮށް ދިނީ އެ ޓީމުގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.

މެޗުގައި ހިނގާދިޔަ ހަމަނުޖެހުމަށްފަހު މެޗުގެ ކުޅުން އަލުން ކުރިއަށް ގެންދެވޭތޯ މުބާރާތް އިންތިޒާމްކުރާ އެފްއޭއެމްގެ އޮފިޝަލުންނާއި ދެ ޓީމުގެ އޮފިޝަލުން އަދި ފުލުހުން މަޝްވަރާކުރި ނަމަވެސް މެޗު ކުރިއަށް ނުގެންދާ ގޮތަށް މުބާރާތުގެ ކޮމިޓީއިން ވަނީ ނިންމާފައެވެ.