ކުރީ ސަރުކާރުން ގެދޮރުވެރިންގެ ސްކީމްގެ ދަށުން އިއުލާން ކުރި 4000 ފްލެޓް ދުކުރުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އިތުރު މައުލޫމާތު ސާފު ކުރުމަށް ފަހު ޕްލެޓާ ގުޅިގެން ކަންކުރާނެ ގޮތުގެ ގާނޫނީ ލަފާ ހޯދައި ފްލެޓްތައް ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ސްކީމް އާ ގުޅިގެން އެކި ފަރާތްތަކުން މީސްމީޑިއާ ގައި އާންމުންގެ ހިތްތަކުގައި އެ މިނިސްޓްރީއާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ކަަމަށެވެ. އެހެންމުން މިހާރު އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލާއި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތައް އެ މިނިސްޓްރީން ވަނީ ހިއްސާކޮށްފައެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓްތަކުގެ ލިސްޓް އެކުލަވާލާފައިވާ ގޮތާ ގުޅިގެން އޭސީސީން ހިންގި ތަހްގީގުގެ ފުރަތަމަ މަރްހަލާ ނިންމައި އެކޮމިޝަނުގެ ހޯދުންތައް މިނިސްޓްރީއާ ހިއްސާކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން މި މަހުގެ 4 ގައި އެ ކޮމިޝަނާ ބައްދަލުކޮށް އެ ހޯދުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އަދި ތަހްގީގާ ގުޅޭ އިތުރު ތަފްޞސީލް ހިއްސާ ކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެެވެ. އެގޮތުން އެ މައުލޫމާތު ލިބުމުން މި މައްސަލައާ ގުޅޭ ގާނޫނީ ލަފާ ހޯދައި ފުލެޓްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އޭސީސީން ފްލެތް މައްސަލައިގައި ހިންގި ތަހުގީގަށް ފަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ގެދޮރުވެރިންގެ ސްކީމްގެ ފްލެޓާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ވަނީ 4048 ފޯމް ބަލާފައި ކަމަށެވެ. އޭގެ ތެރޭގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭ 20.7 ޕަސެންޓް ފޯމް ހިމެނޭ އިރު، 59.6 ޕަސެންޓް ފޯމަކީ ޝަރުތު ފުރިހަމަ ނުވާ ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ. ހަމައެއާއެކު 4048 ފޯމްގެ ތެރެއިން 19.7 ޕަސެންޓް ފޯމަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަ ހުރި ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނާ ގޮތުގައި ޝަރުތު ހަމަނުވާ ފަރާތްތައް އެ ލިސްޓުގައި ހިމްނާފައިވާ އިރު، ޝަރުތުގައި ބަޔާން ކުރާ އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރާ މާލޭގައި 15 އަހަރު ދުވަހު ދިރިއުޅެފައިވާ ފަރާތްތަކަށް މި ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ބުނާ ބައި ފުރިހަމަ ނުވާ ފަރާތްތައް ވެސް ލިސްޓުގައި ހިމަނާފައިވެއެވެ. އެގޮތުން ލިޔެކިޔުމުން އެ ފަރާތްތަކަކީ މާލޭގައި އެ މުއްދަތުގައި ދިރިއުޅެފައިވާ ކަން ޔަގީން ކުރެވިފައި ނުވެއެވެ.

މީގެ އިތުރުން ވެސް ޕޮއިންޓް ދިނުމުގައި ވެސް މައުލޫމާތު ޔަގީންކޮށްފައި ނުވާ ހާލަތްތައް ފާހަގަވެފައިވާ ކަމަސް ވެސް އެސީސީން ބުނެއެވެ. އެގޮތުން 18 އަހަރުން ދަށުގެ ދަރިއަކު ނެތް މީހުން، އެމީހުންގެ މައުލޫމާތު ޑިއެންއާރް އިން ބެލި ކަމުގައި ވިޔަސް 18 އަހަރުން ދަށުގެ ދަރިއަކު ނެތް ނަމަވެސް ދަރިން ތިބުމުން ލިބޭ ޕޮއިންޓް ދީފައިވެއެވެ.