އިންޑިއާ އާ ދެކޮޅަށް ތެދުވީ ވަތަނީ ކޯލައަކަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ރައްދުދެއްވައިފިއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން ލިޔެފައި ހުންނަ ފޮތްތަކާއި ޕަބްލިޝްކޮށްފައި ހުންނަ އާޓިކަލްތައް ކިޔުއްވާ ކަމަށާޢި އޭގައި މިހާރު އިންޑިއާއާއި ދިވެހި ރާއްޖެއާ ދެމެދު މިއުޅޭ ނުތަނަވަސްކަމުގެ ވާހަކަތައް ލިޔެފައި ހުންނަ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ކޮށްދޭ ކަންކަންވެސް ލިޔެފައި ހުންނަ ކަމަށާއި މިހާރު ހިނގާދާ ކަންކަމުގެ ތެރެއިން އިންޑިއާގެ ރައްޔިތުންނާ ދޭތެރޭގައި ދިވެހިން ހިޔާލުތައް ނުތަނަވަސްވެގެންް ހިނގާދާ ވަހަކާތައްވެސް އޭގައި ހިމަނާފައިވާއިރު އެ އިން އެންމެ އާޓިކަލެއްގައިވެސް އެ މައްސަލަ އުފެދުނު ސަބަބަކަށް އެ މީހުން ބުނަން ބޭނުން ނުވާ ކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކައެއް އެންމެ ފޮޅުވަތެއްގައި ވެސް ލިޔެލާފައި ނުވާ ކަމަށާއި އެ ނުތަނަވަސްކަން އުފެދިގެން އުޅެނީ އެހެންވެގެން ކަމެއް އެ އާޓިކަލް ލިޔާ މީހުން ބުނެދޭކަށް ބޭނުމެއް ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެކަން އެހެން އޮއްވާ ދާދިފަހުން މަޖިލީހުގައި ގާސިމް ދެއްކެވި ވާހަކައަށް އަލިއަޅުވާލައްވާ ރައީސް ޔާމީންވަނީ ރައްދުދެއްވާފައެވެ. އެ ދުވަހު މަޖިލީހުގައި ގާސިމް ވިދާޅުވީ ދިވެހީންނާއި އިންޑިއާ އާ ދެމެދު އޮތް ގުޅުމުގައި 'ހުޅުގަނޑު' ރޯކުރީ ރައީސް ޔާމީން ކަމަށެވެ.
އެކަމަށް ރައްދުދެއްވާ ރައީސް ޔާމީން ވިދާޅުވީ އެކަމާ މެދު ފަހުރުވެރިވާ ކަމަށާއި "ފިތުނަ" އެ ލަފްޒެއް ކަމަކަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ތެދުވީ ވަތަނީ ކޯލަކަށް ކަމަށާއި މިއަދު ހަމަގައިމުވެސް ދިވެހި ރާއްޖޭގެ ބޮޑެތި މަސްވެރިނާއި މަސްއޮޑިތަކުގެ ވެރިން އެކަން ގަބޫލުކުރާނެ ކަމަށް ވެސް ރައިސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ އެންމެ ބޫޓު ކިބައެއްވެސް އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އޭރު އެ ވާހަކަ ދައްކައިގެން އިންޑިއާ ޒާތީ ގޮތުން ޖެހޭނެ އެއްވެސް ކަހަލަ ފުރުސަތެއް ނުލިބޭ ކަމަށާއި މިހާރު ވެގެން އުޅެނީ އެހެން ކަމެއް ކަމަށެވެ. އަދި މިހާރު ވެގެން އުޅޭ ކަމަކީ ލަކްޝަދީޕްގައި ޓޫރިޒަމްގެ ކަންތައްތަކެއް ކުރަން އުޅޭތީ އިޖުތިމާއީ މިންގަނޑު ވެސް ފަހަނައަޅައިދާ މިންވަރަކަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅަކު ވަރަށް ހުތުރު ބަހުން ދަށް ފެންވަރުގެ ރައްދުތަކެއް ދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސަރުކާރަށް ބަލައިނުގަނެވުނު ކަމަކީ އެއީ ކަމަށެވެ. އަދި މިއޮއްހާ ދުވަހު މި ހިންގި އިންޑިއާ އައުޓް ކެމްޕެއިނުގައި މިއީކީ މައްސަލައެއް ކަމަކަށް ގަބޫލެއް ނުކުރާ ކަމަށާއި އެ މީހުންގެ ރައްޔިތުން ވެސް އިންޑިއާ މިލިޓަރީ ރާއްޖޭގައި އޮވެގެން ނުވާނެ ކަަމަށް ގަބޫލުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރު އައި މިވާހަކަ ދައްކަމުން ކަމަށާއި މިހާރު ބުނަމުންދަނީ ހެލިކޮޕްޓަރު ދުއްވުމާއި އެހެން ކަންކަމުގައި އިންޑިއާ ސިފައިން ޔުނިފޯމުގައި ނުތިބުމަށް ކަމަށާއި އާންމުން ގޮތަށް ތިބުމުގައި މައްސަލައެއް ނެތް ކަމަށް ކަމަށެވެ. އަދި މިހާރު ރައީސް އޮފީހުން ބުނަނީ އެ ގަރާރު ބާތިލުކުރުމަކީވެސް ފަސޭހަ ކަމެއް ނޫން ކަމެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެއަށް ގާސިމް ދެއްވި ތަރުޖަމާއެއްގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އެކަން ކުރައްވާ ގޮތަކަށް ނޫން ކަމަށާއި އެފަދަ ވާހަކަފުޅެއް ދައްކަވަން ވެސް އެމަނިކުފާނު ބޭނުންފުޅުނުވާ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ ގާސިމް ފެންނަނީ މުއިއްޒުގެ ވަރަށް އިސް މުޝީރެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.