ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި ވަޒީރުންގެ ތެރެއިން ރުހުން ނުލިބުނު ތިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ ތާވަލުކުރުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ފަސްކުރައްވައިފިއެވެ.

އަސްލަމް ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގަރާރެއް ހުށަހަޅުއްވާފައިވާ ކަމަށާއި، އެ ގަރާރު ފާސްވުމުން ރުހުން ނުދިން ވަޒީރުންނަށް ރުހުން ހޯދަން އަލުން ފޮނުވި މައްސަލައިގައި މަޖިލީހުން އަމަލުކުރާނެ ގޮތެއް އެނގިގެން ދާނެ ކަމަށެވެ. އެހެންކަމުން އެ ގަރާރުގެ މަސައްކަތް ނިމި މަޖިލީހުން ވަކި ގޮތެއް ކަނޑައެޅެންދެން ރުހުން ނުލިބުނު ތިން ވަޒީރުން، އަލުން އައްޔަނުކޮށް ރުހުން ހޯދަން ފޮނުވި މައްސަލަ ތާވަލުކުރުން ފަސްކުރުމަށް އަސްލަމް ވަނީ ނިންމަވައިފައެވެ.

މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އެ މަގާމުތަކަށް އަލުން އައްޔަނުކުރުމާ ގުޅިގެން މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރުގައި އީވާ ވިދާޅުވީ، މިކަމަކީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ކުރާ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ގައުމުގެ މަސްލަހަތު އިސްކުރައްވައި މިކަމާ މެދު އަލުން ވިސްނެވުމަށާއި ގާނޫނުއަސާސީ އަށް އިހްތިރާމުކުރައްވައި އެއަށް އަމަލުކުރެއްވުމަށް އެ ގަރާރުގައި އީވާ ގޮވާލައްވާފައިވެއެވެ.

އީވާ ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައިވާ ގޮތުން، ރައީސް ހަވާލުކުރައްވާ ކަންތައްތަކާއި ގާނޫނުއަސާސީންނާއި ގާނޫނުތަކުން ހަވާލުކުރެވޭ ކަންކަން ކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހެއް އޮންނަން ވާނެއެވެ. އަދި ނައިބު ރައީސް ފިޔަވައި، އައްޔަނުކުރެވޭ ވަޒީރުން އައްޔަނުކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ވާނެ ކަމަށް އެ މާއްދާގައި ވާ ކަން ވެސް ފާހަގަކުރެއްވިއެވެ.

އެކަމަށް ބާރު ލިބިދެނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ކަމަށާއި، އެ މާއްދާގައިވާ ގޮތުން، ގާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް އީވާ ވިދާޅުވިއެވެ.

ހަމަ އެހެންމެ ސަރުކާރުން ކުރާ ކަންކަން ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވުމާއި މިކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް އެޅުމާއި، މީހަކު މަގާމަކަށް އިސްކުރުމަށްޓަކައި ނުވަތަ ވަކިކުރުމަށްޓަކައި އެކަން ފާސްކުރުމަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ފާސްކުރުމާއި ފާސްނުކޮށް ދޫކޮށްލުމުގެ ބާރު ވެސް މަޖިލީހަށް ލިބިގެންވާ ކަމަށް އެ މާއްދާގައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރައީސްގެ އަމަލުފުޅަކީ މަޖިލީހަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ބާރުތައް ނިގުޅައިގަތުން ކަމަށާއި، ރައީސް އަމަލުކުރެއްވީ ގާނޫނުއަސާސީ އާއި ޑިމޮކްރެސީގެ ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފަށް ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެ ނިންމެވުމަކީ މަޖިލީހުގެ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވައި ނިންމެވި ނިންމެވުމެއް ކަމަށް ވެސް ސިފަކުރެއްވިއެވެ.

މިދިޔަ މަހުގެ 29 ގައި ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުން ނިންމީ ރައީސް އައްޔަނުކުރެއްވި 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދިނުމަށެވެ. އެ ތިން ވަޒީރުންނަކީ:

  • ބަންޑާރަނައިބު އަހްމަދު އުޝާމް
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު

ނަމަވެސް ހަމަ އެ ދުވަހު އަލުން އެ ވަޒީރުން އައްޔަނުކުރައްވައި، އެ ތިން ބޭފުޅުންނަށް ރުހުން ހޯދަން ޖެހިގެން އައި ދުވަހު މަޖިލީހަށް ވަނީ ހުށަހަޅުއްވައިފައެވެ.