ތ. މަޑިފުށި އިހްތިސޯސްގެ ތެރޭގައި އޮތް އުފުރިއްޔާ މަޑުފުއްޓާ ގުޅާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ތ. މަޑިފުއްޓަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، އެ ރަށުގެ އިހްތިސޯސްގައި އޮތް އުފުރިއާއަށް ބާލާއިރު، މަޑިފުށީގައި ރިވެޓްމަންޓް މަސައްކަތުގެ ތެރެއިން، ނޫނީ އެހެން ގޮތަކުން ވިޔަސް އެ ރަށް މަޑިފުއްޓާ ގުޅާލާނެ ކަމަށެވެ.

އެ ރަށް މަޑިފުއްޓާ ގުޅާލުމާއެކު ޖާގައިގެ ގޮތުން ބޮޑު ސަރަހައްދެއް ލިބިގެން ދާނެ ކަމަށާއި އިގްތިސޯދީ ގޮތުން ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު އުފުރިއްޔާގެ އެއްކޮޅުން އޮންނަ ކޮޅުފުށި ވެސް މަޑުފުށީގެ ކައުންސިލާ ހަވާލުކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިއާއެކު އެ ރަށުގެ ކައުންސިލަށް އިގްތިސޯދީ ފުރުސަތުތައް ލިބިގެންދާނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެ ގޮތުން އެ ރަށަކީ ވަރަށް ގިނަ އޮޑިދޯނިފަހަރު ގެންގުޅޭ އަދި ވިޔަފާރު ކުރާ ރަށެއް ކަމަށްވާތީ އެ ސިނާއަތު ފުޅާ ކުރުމަށް ކަމުގައި ވިޔަސް އަދި އެ ސިނާއަތުގެ ދަށުން އެހެނިހެން ސަބް އިންޑަސްޓްރީތައް ވެސް ފުޅާ ކުރެވިދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ނޫން ވެސް އިތުރު އިގްތިސޯދީ މަސައްކަތްތައް ކުރުމަށް ވެސް ސަރުކަރުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަން ވެސް މުއިއްޒު ވަނީ ދެއްވާފައެވެ.

ހަމައެއާއެކީގައި ގައުމީ ބޮޑެތި މައްސަލަތައް ހައްލުކޮށްދިނުމަށް ފަހު ގެދޮރުގެ މައްސަލަ ހައްލުކޮށް ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ގެދޮރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ގޮތުން ކެބިނެޓްގައި ވެސް އެކަމާ ގުޅޭ އެކިއެކި މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

"ގެދޮރު ބިނާ ކުރުމައްޓަކައި ތަފާތު ލޯނުތައް ދޫކުރުމާއި، ހައުސިން ޔުނިޓްތައް ގާއިމް ކުރުމުގެ މަސައްކަތުން އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުންނަށް ވެސް އޭގެ އުފާވެރިކަމާއި ފޮނި މީރުކަން ހާސިލް ކޮށްދޭނަން"
ރައީސް ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން 5 ޕަސެންޓަށް ވުރެ ބޮޑު ނޫން އިންޓަރެސްޓް ރޭޓެއްގައި ލުއި ލޯންތައް ދެވޭ ފެންވަރަށް އިގްތިސޯދު ހަރުދަނާ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އިގްތިސޯދު ހަރުދަނާ ކުރެވިގެން ވަރަށް އަވަހަށް މި ލޯންތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމް ގާއިމް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ލޯންތަކާއެކު ރަށްރަށުގައި ހުންނަ ބިންތަކުގައި ގެދޮރު އަޅާނެ ލުއި ލޯން ލިބިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގެދޮރު އެޅުމަށް ދޭ ލޯންގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފުރަތަމަ ފަހަރަށް ގެދޮރު އެޅުމަށް ދެވޭ ލޯނަށް ކަމަށާއި އެއަށް ފަހު އަޅަން ފަށައި ނުނިމި ހުރި ގެދޮރުގެ މަސައްކަތް ނިންމުމަށް ދެވޭ ލޯނަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ހަދާފައި ހުރި ގެތައް މަރާމާތު ކުރުމަށް ވެސް ލޯން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގެދޮރު އެޅުމަށް ދެވޭ ލޯންތަކުގެ އިތުރުން ރާއްޖޭގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އަޅާ ހައުސިން ޔުނިތްތައް އެލުމަށް ވެސް އިންވެސްޓްމަންޓްތައް ހޯދަމުން އަންނަ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެ ގޮތުން އެމަނިކުފާނު ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެކަމަށް އިންވެސްޓްމަންޓްތައް ހަމަޖެހުނުކަން ފާހާގަ ކުރެއްވިއެވެ. ބޯހިޔާވަހިކަން ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން އެތައް ފަންނީ މަސައްކަތްތަކެއް ކުރިއަށް ދާ ކަމަށާއި އެ މަސައްކަތްތައް ދަނީ ބާރު ސްޕީޑުގައި ކުރިއަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.