އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މިހާތަނަށް 4000 ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އީސީ އިން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ހުށަހަޅާފައިވާ ފޯމަށް ބަލާއިރު މިއީ މަޖިލިސް އިންތިހާބަށް ބޭނުންވާ އޮފިޝަލުންގެ އަދަދަށްވުރެ ދަށް އަދަދެއް ކަމަށެވެ. އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ މީހުން މާޗް 5 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އެކަމަށް އެދި ފޯމު ހުށަހަޅަންޖެހޭއިރު ހަބީބު ވަނީ އެކަމަށް ޝައުގުވެރިވާ މީހުން ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.

އޮފިޝަލުންގެ މަގާމާއި އުޖޫރަ

- ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ - 2،650 ރުފިޔާ

- ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފި ނަމަ - 2،350 ރުފިޔާ

- ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ - 2،250 ރުފިޔާ

- ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފި ނަމަ - 1،000 ރުފިޔާ

މަޖިލީސް އިންތިހާބުގައި މަސައްކަތްކުރާނެ 5،600 އޮފިޝަލުން ބޭނުންވާކަމަށް އީސީ އިން ބުނެފައިވާއިރު އިންތިހާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކަށް ދިމާވާތީ -/500ރ ރުފިޔާގެ އެލަވަންސެއް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ކޮންމެ އޮފިޝަލަކަށް ދިނުމަށްވެސް އީސީ އިން ވަނީ ނިންމާފައެވެ. މީގެ އިތުރުން ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭ ނަމަ 350 ރުފިޔާގެ ރޭޓުން ކެއުމާއި ސަޔަށްވާ ފައިސާ އޮފިޝަލުންގެ އެލަވަންސްއާއެކީ ޖަމާކުރެވޭނެކަމަށް އީސީ އިން ވަނީ ބުނެފައެވެ.