ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ޔުގެންޑާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަރަދު ތަފްސީލް ރައީސް އޮފީހުން ހާމަ ކޮށްފިއެވެ.

މިއީ ނޮން-އައިލެންޑް މޫވްމަންޓް (ނާމް) ގެ 19 ވަނަ ސަމިޓްގެ ގައުމުތަކުގެ އިސްވެރީންގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމަށާއި ގްރޫޕް އޮފް 77 އެންޑް ޗައިނާ - ޖީ77 ދަށުން ބާއްވާ ތިންވަނަ ސައުތު ސަމިޓް ގައި ބައިވެރިވެވަޑައިގަތުމަށް ހުސްވި ޖެނުއަރީ މަހުގެ 17 އިން 23 ވަނަ ދުވަހުގެ ނިޔަލަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރަށް ދިވެހި ދައުލަތުން ޖުމްލަ 983،032.13 ރުފިޔާގެ ހަރަދެއް ކޮށްފައިވާ ކަމަށެވެ.

ހަރަދުގެ ތަފްސީލު ތަކަކީ:

  • ބިޒްނަސް ކްލާސް 3 ޓިކެޓް - 346،657.02 ރުފިޔާ
  • އިކޮނޮމިކް ކްލާސް 7 ޓިކެޓް - 304،190.34 ރުފިޔާ
  • ޕޮކެޓް މަނީ (10 ބޭފުޅަކަށް) - 95،232.00 ރުފިޔާ
  • ފަރިއްކޮޅު ހަރަދު - 48،736.74 ރުފިޔާ
  • ސްޓޮޕްއޯވާ - 18،494.00 ރުފިޔާ
  • އިންސިޑެންޓަލް ހަރަދު - 441.27 ރުފިޔާ
  • އެކަމަޑޭޝަން - 169،280.76 ރުފިޔާ

މީގެ އިތުރުންވެސް ޔުގެންޑާ ސަރުކާރުން ދެ ބޭފުޅަކަށް އެކަމޮޑޭޝަން ހަރަދު ދެއްވާފައިވާއިރު ދެ ބޭފުޅަކަށް މެހެމާންދާރީވެސް ހަމަޖައްސާދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޖީ77ގެ ސަމިޓުގައި ނައިބު ރައީސް ވަނީ ތަގުރީރު ކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ފައިނޭންސް ހޯދުމުގައި ލުއި ގޮތްތަކެއް ހޯއްދެވުމަށް އެމަނިކުފާނު ވަނީ އަލި އަޅުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް ކުރައްވާ ދަތުރުފުޅުގެ ތަފްސީލްތައް ސަރުކާރުން ހާމަ ކުރަމުންދާއިރު އެ ދަތުރުފުޅެއް ނިމޭތާ ގިނަ ވެގެން 15 ދުވަސް ތެރޭ ހަރަދު ހާމަ ކުރައްވާނެ ކަން ރައީސް އިއުލާން ކުރައްވާފައި ވެއެވެ.