ރިޔާ ހުރީ ކަނޑައެޅިފައި ކަމަށާއި ދަންމާނަށް ދަމާލާ ތަރައްގީއާ ދިމާލަށް ރައްޔިތުންދާނެ ކަމަށް އުންމީދުކުރަައްވާ ކަމަށް ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގެން ތ. ގުރައިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ޣައްސާން ވިދާޅުވީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ގައުމުގެ އޮއިވަރު އޮތީ ބަދަލުވެފައި ކަމަށާއި ތަރައްގީއާ ދިމާލަށް ގައުމުގެ ދުވެލި މިސްރާބު ވަނީ ބަދަލުކުރެވިފައި ކަމަށެވެ. އަދި މިއީ މި ދާއިރާގެ ރައްޔިތުންވެސް ވަރަށް ފަރުވާތެރިކަމާއެކު ބޭނުން ހިފަންޖެހޭ ފުރުސަތެއް ކަމަށާޢި އަޅުވަން ޖެހޭ ރިޔާ ހުރީ ކަނޑައެޅިފައި ވައި ހުރީ ހަރުކޮށް ކަމަށް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ ދަންމާނަށް ދަމާލާފައި، ތަރައްގީއާ ދިމާލަށް ދާން ރައްޔިތުން އިހުތިޔާރުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޣައްސާން ވިދާޅުވީ ރައީސް ގައުމަށްޓަކައި ވަރަށް އިހުލާސްތެރިކަމާއެކު ކުރައްވާ މަސައްކަތްޕުޅު ވަރަށް ގާތުން ދުށުމުގެ ނަސީބު ލިބިވަޑައިގެންފައިވާ ކަމަށެެވެ. އަދި ރައީސް ފަތިސް ނަމާދަށް ތެދުވެ ވަޑައިގަންނަވާ ގޮތަށް އޮފީހަށް ވަޑައިގަތުމުގެ ކުރިން އެ މަނިކުފާނު މަސައްކަތްޕުޅުތައް ރާވަވާ އެ ދުވަހުގެ މަސައްކަތްޕުޅަށް ތައްޔާރުވުމަށްޓަކައި އެކި އެކި ވަޒީރުންނާ ފޯނުން ގުޅުއްވާ ކަންތައްތައް ރާވަވަމުން ގެންދަވާ ކަމަށް ޣައްސާން ވިދާޅުވއިެވެ.
ޣައްސާން ވިދާޅުވީ އޮފީހުގައި ވަރަށް ބުރަކޮށް ހުރިހާ ވުޒާރާއެއްގެ ކަންތައްތައް ވަރަށް ގާތުން ބައްލަވަމުން، ރާއްޖެއާއި ބައިނަލްއަގުވާމީ ދުނިޔޭގެ ކަންތައްތައް ދިވެހިންގެ ފަރާތުން ހަމަޖައްސަވަމުން، ރޭގަނޑު އަވަހާރަފުޅާ ހަމައަށް ގާތްގަނޑަކަށް 2:30 ހާއިރު ވަންދެން ރައީސް މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ.
ޣައްސާން ވިދާޅުވީ ރައީސްގެ ބުރަ ތާވަލުން ވަގުތު ހޯދަވައިގެން ހިތް އެ ބަޔަކަށް ހިބައިން ދީފައި ވާ ތ. އަތޮޅު ގުރައިދޫއަށް ވަޑައިގަތުމުން ހިތުފުން މިނުން ގުރައިދޫގެ ރައްޔިތުންނާއި އަމިއްލަ ނަމުގައި ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވާ ކަމަށެވެ.
ޣައްސާން ވިދާޅުވީ ރައީސް ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުފުޅު ފުއްދަވާނެ ކަމަށާއި މިއަދަކީ އެފަދަ ވައުދެއް ފުއްދަވާ ރައްޔިތުންނަށް އެމަނިކުފާނުގެ އިހުލާސްތެރިކަމާ ތެދުވެރިކަން އަނެއްކާވެސް އިތުރަށް ހާމަކޮށްދެއްވި ދުވަހެއް ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ މަނިކުފާނަށް އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގެން ރަށަކަށް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅު ފައްޓަވަން ވަޑައިގެންނެވި ކަމަށް ޣައްސާން ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގުރައިދޫގައި ބެހެއްޓި ދެ ވޯޓު ފޮށިން ވެސް 70 ޕަސެންޓަށް ވުރެ މަތިން ވަނީ ނަތީޖާ ހޯދާފައެވެ. އެގޮތުން އެ ރަށުގައި ބެހެއްޓި އެއް ފޮށިން މުއިއްޒަށް 75.6 ޕަސެންޓު ލިބިވަޑައިގެންނެވި އިރު އަނެއް ފޮށިން ވަނީ 72.4 ޕަސެންޓު ލިބިވަޑައިގެންފައެވެ.