އައްޑޫން ދޫކުރަން ނިންމި ބަންޑާރަ ގޯތި ލިބުނު މީހުންގެ މެދުގައި، އަންނަ ބުދަ ދުވަހުން ފެށިގެން ގުރުލުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ކުރިމަތިލީ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދިނުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. މިގޮތުން އިތުރަށް ދޫކުރާ ގޯތި ދޫކުރާނެ ތަންތަނާއި ގޯތީގެ ސައިޒު ކަނޑައެޅުމަށް ކައުންސިލުން ނިންމާފައިވާއިރު ގޯތި ކަނޑައެޅުމަށް ގުރުއަތުލުމުގެ މަސައްކަތް މިހާރު އާންމުކޮށްފައިވާ ގޯތި ލިބޭ މީހުންގެ ލިސްޓާ އެއްގޮތްވާ ގޮތުގެ މަތީން، ފެބުރުއަރީ 07، 2024 ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސުލުން ބުނީ ބަންޑާރަ ގޯތި ދިނުމަށް ބިންތައް ކަނޑައެޅޭ ނިސްބަތުން ލިސްޓުގައިވާ ތަރުތީބުން ގުރުއަތުލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. އަދި އެއްއަވަށަށް ވުރެ ގިނަ އަވަށްތަކުން ގޯތި ލިބުމަށް ޝަރުތުހަމަވާ ފަރާތްތަކުން ގޯތި ބޭނުންވާ އަވަށް ކަނޑައެޅުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ. އިތުރަށް ކައުންސިލުން ބުނީ ގޯތި ބޭނުންވާ އަވަށް އިހްތިޔާރު ނުކުރާ ފަރާތްތަކަށް ގޯތި ދޭން ހަމަޖެހިފައިވަނީ އެފަރާތެއް ރަށްވެހިވެފައިވާ އަވަށުން ކަމަށާއި އެފަރާތްތައް އެ އަވަށެއްގެ ލިސްޓުގައި ހިމަނައި، ބާކީ ހުރި ލިސްޓުތަކުން އެފަރާތްތަކުގެ ނަންތައް އުނިކުރެވޭނެކަމަށެވެ.

އައްޑޫގެ ހަތަރު ރަށަކުން ޖުމްލަ 4،052 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މަރުހަލާގައި ޖުމްލަ 1000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ހިތަދޫއިން 500 ގޯތި، ފޭދޫއިން 300 ގޯތި، ހުޅުދޫއިން 100 ގޯތި، އަދި މީދޫއިން 100 ގޯއްޗެވެ. ހުޅުދޫ އާއި މީދޫ އިން 2،000 އަކަފޫޓުގެ ގޯތި ދޫކުރާއިރު ހިތަދޫއާއި ފޭދޫއިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 1،500 އަކަފޫޓުގެ ގޯއްޗެވެ.